ނިމިގެންދިޔަ އޮކްޓޯބަރ މަހު އެންމެ ބޮޑު ސާވިސް ޗާޖު ދިނީ ޝެވަލް ބްލަންކް ރަންދެލި ރިސޯޓުންނެވެ.
ރާއްޖޭގެ ރިސޯޓުތަކުން ކޮންމެ މަހަކު ދޭ ސާވިސް ޗާޖް އާންމުކުރާ ވެބްސައިޓް "މޯލްޑިވްސް ސާވިސް ޗާޖް"ގައި ބުނެފައިވާ ގޮތުގައި ރަންދެލި ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ބޮލަކަށް 1097 ޑޮލަރު (16،915.74 ރުފިޔާ) ވަނީ ބަހާފަ އެވެ. މިއީ ސެޕްޓެމްބަރ މަހާއި އަޅާ ބަލާއިރު 489.27 ޑޮލަރު ( 7544.54 ރުފިޔާ) އިތުރު އަދަދެކެވެ.
ދެވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ ވެލާ ޕުރައިވެޓް އައިލެންޑް ރިސޯޓުންނެވެ. މިއީ މިދިޔަ ސެޕްޓެމްބަރ މަހާއި އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. ސެޕްޓެމްބަރ މަހު ބޮލަކަށް 500 ޑޮލަރު (7710 ރުފިޔާ) ސާވިސް ޗާޖުގެ ގޮތުގައި ބަހާފައިވާއިރު މިދިޔަ މަހު ބަހާފައި ވަނީ ބޮލަކަށް 916.03 ޑޮލަރު (14125.18 ރުފިޔާ) އެވެ.
ސެޕްޓެމްބަރ މަހާއި އަޅާ ބަލާއިރު އިތާފުށި ރިސޯޓް އިން ވެސް ވަނީ ސާވިސް ޗާޖު އިތުރުވެފަ އެވެ. އެ ރިސޯޓު ވަނީ މިދިޔަ މަހު އެންމެ ގިނައިން ސާވިސް ޗާޖް ދިން ރިސޯޓުތަކުގެ ލިސްޓުގެ ހަތަރު ވަނަ އަށް އަރައިފަ އެވެ. މިދިޔަ މަހު އެ ރިސޯޓުން ވަނީ ބޮލަކަށް 641 ޑޮލަރު (9884.22 ރުފިޔާ) ސާވިސް ޗާޖުގެ ގޮތުގައި ބަހައިފަ އެވެ.
ފާއިތުވި ސެޕްޓެމްބަރ މަހު 621.93 ޑޮލަރާއި އެކު އެންމެ ބޮޑު ސާވިސް ޗާޖެއް ދިން ވޮއްމުލި ރިސޯޓުގެ މިދިޔަ މަހުގެ ސާވިސް ޗާޖު ވަނީ އިތުރުވެފައެވެ. ލިސްޓުގެ ތިން ވަނައިގެ އިން ނަމަވެސް މިދިޔަ މަހު ބަހާފައި ވަނީ މުވައްޒަފަކަށް 662.10 ޑޮލަރު (10209.58 ރުފިޔާ) އެވެ. މިއީ ސެޕްޓެމްބަރ މަހާއި އަޅާ ބަލާއިރު 619.42 ރުފިޔާގެ ކުރިއެރުމެކެވެ.
އަދި ބައެއް ރިސޯޓު ތަކުގެ ސާވިސް ޗާޖު ލިބިފައި ނުވި ނަމަވެސް މި މަހަކީ ސެޕްޓެމްބަރ މަހާއި އަޅާބަލާއިރު ސާވިސް ޗާޖު އެވްރެޖްގޮތެއްގައި މަތިވެފައިވާ މަހެއްކަން ”މޯލްޑިވްސް ސާވިސް ޗާޖް“ ގައި އާންމުކުރި ސާވިސް ޗާޖުތަކުން ފާހަގަކުރެވެއެވެ.
މިހާރު ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގަމުން އަންނައިރު މިދިޔަ މަހުގެ ސާވިސް ޗާޖްގެ މައުލޫމާތު މޯލްޑިވްސް ސާވިސް ޗާޖް ވެބްސައިޓަށް ފޮނުވާފައި ވަނީ އެންމެ 52 ރިސޯޓުންނެވެ. އަދި "މޯލްޑިވްސް ސާވިސް ޗާޖް"އަށް ލިބޭ މައުލޫމާތު ތަކަކީ އެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން ލިބޭ މައުލޫމާތުތަކެއްކަމަށް އެވެބްސައިޓުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!