ހއ. ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކުގެ ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ހޭންޑްބޯޅަ މުބާރާތް އަންނަ މަހުގެ ހަތްވަނަ ދުވަހު ފެށުމަށް ނިންމާފައިވާ ކަމުގައި އެ އެކަޑަމީން ހާމަކޮށްފިއެވެ.

ކަނބަލުންނަށް ހާއްސަކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޓީމްތައް ބައިވެރި ކުރުމުގެ ފުރުޞަތު ދީފައި ވަނީ ސަރުކާރު މުއައްސަސާތަކުގެ އިތުރުން ކުލަބް ޖަމިއްޔާތަކަށެވެ.

Ad
rt

އެ އެކަޑަމީން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތުގަ ވަނީ ހޯރަފުށިން ތިން ޓީމްގެ އިތުރުން އިހަވަންދޫންނާއި މާރަންދޫއިން ވެސް ޓީމްތައް ބައިވެރިވެފައެވެ.

އެ އެކަޑަމީން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ހޭންޑްބޯޅައިގެ ދާއިރާއިން ކަނބަލުންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމުގެ އިތުރުން ހޯރަފުއްޓާއި އަތޮޅުގެ އެހެން ރަށްތަކާއި ދެމެދުގައި ގުޅުން ބަދަހި ކުރުމެވެ.

ހޯރަފުށީގެ މުއައްސަސާތަކަށާއި ކުލަބް ޖަމިއްޔާތަކަށް ހުޅުވާލައިގެން ފާއިތުވި އަހަރު ވެސް މި މުބާރާތް ބާއްވާފައިވާއިރު، ފާއިތުވި އަހަރު މުބާރާތުގައި ޤައުމީ ޓީމްގެ ކުޅުންތެރިން ވަނީ ކުޅެފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކި ޓީމްތަކުގައި ހިމެނިގެން މި އަހަރު ވެސް ޤައުމީ ޓީމް ކުޅުންތެރިން މި މުބާރާތުގައި ކުޅޭނެއެވެ.

މުޅި އަތޮޅަށް ހުޅުވާލައިގެން މި އަހަރު ކުރިއަށް ގެންދާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 (ފަނަރަ ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އާރުވީ ސްޕޯޓްސް އެކަޑަމީ ރަޖިސްޓަރީ ކޮށްފައި ވަނީ 2020 ވަނަ އަހަރުއެވެ. އެ އެކަޑަމީގައި މިހާރު ވެސް ދެ އުމުރުފުރާއެއްގައި 100 އަށް ވުރެ ގިނަ ދަރިވަރުން ދަނީ ފުޓްބޯޅައިގެ އިތުރުން ހޭންޑްބޯޅައިގެ ތަމްރީންތައް ހަދަމުންނެވެ. އެ އެކަޑަމީ ކާމިޔާބު ކަމާއިއެކު ހިންގާތާ މިހާރު ވަނީ އަހަރަކަށް ވުރެ ގިނަދުވަސް ވެފައެވެ.

އެ އެކަޑަމީން މަޢުލޫމާތު ދީފައިވާ ގޮތުގައި އެ އެކަޑަމީގައި ބައިވެރިވުމުގެ ފުރުޞަތު 16 އަހަރުން ދަށުގެ ހުރިހާ ކުދިންނަށް ވެސް ވަނީ ހުޅުވާލެވިފައެވެ.

ހޯރަފުށީގައި ކުޅިވަރު ކުރިއެރުވުމަށް އިފައްދާފައިވާ މި އެކަޑަމީން އަންނަނީ އެ ރަށުގައި ކުޅިވަރު ކުރުއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.