މި އަހަރުގެ ނިމުމުގެ ކުރިން އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފެށޭނެ ކަމަށް މިނިސްްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ކަނޑުދަތުރާއި ބެހޭ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ ރާއްޖެ ހިމެނޭ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ގާއިމްކޮށް، ބަންކަރިންގެ ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ.
މީގެ 30 އަހަރު ކުރީން ރާއްޖެއަކީ މެރިޓައިމް ސިނާއަތުގައި ނަން ހިނގާ ގައުމެއްކަމަށްވިޔަސް ވޭތުވެދިޔަ އަހަރުތަކުގައި އެ ސިނާއަތް ކުރިއެރުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި އެކަމަނާ ވިދާޅުވީ އެކަމުގެ ސަބަބުން އެ ސިނާއަތަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ.
އެހެންނަމަވެސް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން މެރިޓައިމް ސިނާއަތް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ފަށާފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ މެރިޓައިމް ސިނާއަތަށް ގާބިލް، ހަރުދަނާ، ތައުލީމީ މީހުން ނެރުމަށް އެކިއެކި ތަމްރީން ޕްރޮގްރާމްތައް ފަށާފައިވާ ކަމަށާއި، އެ ޕްރޮގްރާމްތަކުގެ ސަބަބަން ރާއްޖެއަށް ލާބައާއި މަންފާ ކުރާނެކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ތިމާވެއްޓާއި ރަށްޓެރި އައު ހޯދުންތައް ހޯދައި، އެ ހޯދުންތަކުގެ އެހީގައި ކަނޑު އުޅަނދު ފަހަރާއި އޭގެ ވަށައިގެންވާ މާހައުލު ސަލާމަތާއި ރައްކާތެރިކަމުގައި ބޭއްވުމަށް ކެނޑިނޭޅި މަސައްކަތްކުރަންޖެހޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!