ސީޕްލޭންގެ ޚިދުމަތް ދިނުމަށް ސަރުކާރުން އެންމެބޮޑަށް ބޭނުންވާ ދެރަށުގެ ތެރޭގައި ހދ. މަކުނުދޫ ހިމެނޭ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކޮށްފި އެވެ.

އެ މިނިސްޓްރީން މިކަން ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ހުށަހެޅި އަހަރީ ރިޕޯޓުގަ އެވެ.

Ad
rt

އެ ރިޕޯޓުގައި ބުނެފައިވަނީ ސީޕްލޭންގެ ހިދުމަތް އެންމެ ބޮޑަށް ބޭނުންވާ ރަށްތައް މިހާރު ކަނޑައަޅާފައިވާ ކަމަށާއި އެއީ ހދ. މަކުނުދޫ އާއި މ. މުލި ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ސީޕްލޭން ހިދުމަތް އެންމެ ބޮޑަށް ބޭނުންވާ ރަށްތައް ކަނޑައަޅާފައިވާއިރު، އެ ހިދުމަތަށް ބޭނުންވާ ޕްލެޓްފޯމް އަޅާނެ ތަންތަން ވެސް މިހާރު ނިންމާފައިވާ ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ނެޝަނަލް ސްޕޭޝަލް ޕްލޭނާއި އެއްގޮތަށް، މީހުން ދިރިއުޅޭ ރަށްތަކަށް ސީޕްލޭންގެ ހިދުމަތް ފުޅާކުރާއިރު، އެ ދެރަށަށް ސީޕްލޭން ދަތުރުތައް ފަށަނީ، ކޮންމެ ރަށަކުން ވެސް 30 މިނެޓުން ދަތުރުކުރެވޭ ހިސާބެއްގައި އެއާޕޯޓެއް ބޭއްވުން ނުވަތަ ވައިގެ ދަތުރަކަށް ފެށޭނެ އިންތިޒާމު ހަމަޖައްސަން ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށް ކަމަށެވެ.

ސީޕްލޭންގެ ޚިދުމަތް ދިނުމަށް ސަރުކާރުން އެންމެބޮޑަށް ބޭނުންވާ އެ ދެރަށަކީ މަކުނުދޫ އާއި މުލި ކަމަށް ނިންމާފައިވާއިރު، އެ ދެ ރަށަކީ ވެސް އެއާޕޯޓް އަޅަން ނިންމާފައިވާ ދެ ރަށެވެ.

އެހެންކަމުން ސީޕްލޭންގެ ހިދުމަތް ފަށަނީ އެ ދެ އެއާޕޯޓް ނިމެންދެން ދޭ ވަގުތީ ހިދުމަތެއްގެ ގޮތުގައި ކަމަށް ބެލެވެ އެވެ.

މަކުނުދޫ އާއި މުލީގައި އެއާޕޯޓް އަޅައި ނިމުމުން، ރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށަކުން ވެސް 30 މިނެޓުން ދަތުރުކުރެވޭ ހިސާބުގައި އެއާޕޯޓެއް އޮންނާނެ އެވެ.