ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި މެޑަމް ފަޒްނާ އަޙްމަދު، އަވާހަރަވެފައިވާ އިނގިރޭސި ރާނީ އެލިޒަބަތު (2 ވަނަ) ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ބޭއްވި ޖަނާޒާގައި ބައިވެރިވެވަޑައިގެންފިއެވެ.

އިނގިރޭސި ރާނީ އަވަހާރަވީ، މިސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 96 އަހަރެވެ.

Ad
rt

ރަސްމީ އެންމެމަތީ ޢިއްޒަތުގައި، ރާނީ އެލިޒަބަތު (2 ވަނަ) ފަސްދާނުލާފައި ވަނީ، އިނގިރޭސި ވިލާތަށާއި، ކޮމަންވެލްތުގައި ހިމެނޭ ޤައުމުތަކަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކުރުމަށްފަހުގައެވެ.

ލަންޑަންގެ ވެސްޓްމިންސްޓަރ އެބީގައި އޮތް ރާނީ އެލިޒަބަތުގެ ޖަނާޒާގައި، އިނގިރޭސި ޝާޚީ ޢާއިލާގެ މެމްބަރުންނާއި، އިނގިރޭސި ދައުލަތުގެ އެންމެ އިސްވެރިންނާއި، ދުނިޔޭގެ ޤައުމުތަކުގެ އެންމެ އިސްވެރިންނާއި، ކޮމަންވެލްތުގައި ހިމެނޭ ޤައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި އާއްމު ރައްޔިތުންގެ ގިނަބަޔަކު ވެސް ވަނީ ބައިވެރިވެރިވެފައެވެ.

އާދީއްތަ ދުވަހު، ރައީސް ޞާލިޙްހެ ދެކަނބަލުން ވަނީ، ރާނީއަށް އެންމެފަހުގެ އިޙްތިރާމް އަދާކުރައްވައި، ލަންޑަނުގެ ލެންކަސްޓަރ ހައުސްގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި، ތަޢުޒިޔާގެ މެސެޖު ލިޔުއްވާފައެވެ.

ރާނީ އެލިޒަބަތު (2) އަކީ، މިހާތަނަށް އެންމެ ގިނަ ދުވަހު އިނގިރޭސި ތަޚުތުގައި އިންނެވީ ރާނީ އެވެ. އެކަމަނާ ވަނީ މެދުނުކެނޑި 70 އަހަރަށްވުރެ ގިނަދުވަހު ރަނިކަން ކުރައްވާފައެވެ.