މާފަންނު ޕޮލިސްޓޭޝަނަށް ވަދެ ފުލުހުންނަށް އިންޒާރު ދިން މީހަކު ހައްޔަރު ކޮށްފައިވާ ކަމުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ވިދާޅުވެއްޖެއެވެ.

ސީޕީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޖަމާއަތް ހަދައި ރާވައިގެން ކުށްކުރާ، މާފަންނުގައި ހަރަކާތްތެރިވާ ގުރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަންކުރިކަމަށް ތުހުމަތަށް ހައްޔަރުކުރުމުން އެ ގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ޕޮލިސްޓޭޝަނަށް ވަދެ ފުލުހުންނަށް މަރުގެ އިންޒާރު ދިނުމާއި ގުޅިގެން އޭނާ ވެސް މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

Ad
rt

ސީޕީ އިތުރަށް ވިދާޅުވެފައި ވަނީ އިންޒާރުދިން މީހާ ހައްޔަރުކުރި ފަހުން އެ މީހާ ނިސްބަތްވާ ގްރޫޕުން އެ ސްޓޭޝަން ދޮށަށް އެއްވި ކަމަށާއި އެ މީހުންނާއި މެދު ވެސް ފިޔަވަޅު އެޅޭނެ ކަމަށެވެ.

ޖަމާއަތް ހަދައި، ކުށްކުރުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފް އަމަލްތައް ހިންގާ އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމުގައި ވެސް ސީޕީ ވަނީ ވިދާޅުވެފައެވެ.

ދާދިފަހުން ގޭންގަކުން ވަނީ ފުލުހުންގެ ތިން މީހަކަށް ހަމަލާ ދީ ޒަހަމް ކޮށްލާފައެވެ. އެ މައްސަލަ މިހާރު ބަލަމުންދާއިރު، އެ މައްސަލައާއި ގުޅިގެން ޖުމްލަ 11 މީހުން ވަނީ ހައްޔަރު ކޮށްފައެވެ. އެ ހަމަލާ ދިނީ ހެންވޭރަށް ނިސްބަތްވާ ގޭންގަކުން ކަމަށް ސީޕީ ވަނީ ކުރިން ވިދާޅުވެފައެވެ.

ރާއްޖޭގައި ކުށްކުރުން އިތުރުވެފައިވާއިރު ގޭންގު ހަރަކާތްތައް ވަނީ ކަންބޮޑުވާން ޖެހޭ ދަރަޖާގައެވެ. ގޭންގުތަކާއި ގުޅޭ ތަފާސް ހިސާބުތަކެއް ދާދި ފަހުން ފުލުހުން ހާމަކޮށްފައިވާއިރު، ގޭންގުތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ.