ދައުލަތުގެ މާލިއްޔަތަށް ލުއި ހޯދައިދީ، ރައްޔިތުންގެ ފައިސާ ޚަރަދުވާ މިންވަރު ކުޑަކުރުމުގެ ގޮތުން ށ. އަތޮޅު ކައުންސިލުން ކުރަންޖެހޭ ރަސްމީ ދަތުރުތައް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީ މެދުވެރިކޮށް ކުރަން ނިންމައިފިއެވެ.
ށ. އަތޮޅު ކައުންސިލްގެ ރަސްމީ ދަތުރުތައް އާރުޓީއެލް ފެރީ މެދުވެރިކޮށް ކުރަން ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އޮތް އެކައުންސިލްގެ ޖަލްސާގައި މެންބަރުންގެ އިއްތިފާގުންނެވެ.
ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) ''ތިލަދުން'' އަށް ވިދާޅުވީ، ށ. އަތޮޅު ކައުންސިލް މެންބަރުން މިފަދަ ނިންމުމެއް ނިންމީ ދައުލަތުގެ މާލިއްޔަތަށް ލުއި ހޯދައިދީ، ރައްޔިތުންގެ ފައިސާ ޚަރަދުވާ މިންވަރުކުޑަކުކޮށް، އަދި ރަށްތަކުގައި ހިންގާ ތަރައްގީގެ ހަރަކާތްތަކަށް ބާކީ ކުރެވޭ ފައިސާއިން އެހީތެރިކަން ފޯރުކޮށް ދިނުމުގެ ބޭނުމުގައެވެ.
މަހަކު އެއްފަހަރު އޮންނަ މެންބަރުންގެ ބައްދަލުވުމަށް ކުރާ ދަތުރާއި، އަތޮޅު ކައުންސިލުން ކުރާ މި ނޫން ވެސް ދަތުރުތައް އާރުޓީއެލް ފެރީ މެދުވެރިކޮށް ކުރަން ނިންމާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެ ކައުންސިލުން ކުއްލިގޮތަކަށް ކުރަންޖެހޭ ދަތުރުތައް ފިޔަވާ ހުރިހާ ދަތުރެއް ވެސް އާރުޓީއެލް މެދުވެރިކޮށް ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
''މި ނިންމުމާއެކު ކައުންސިލުން ދަތުރުފަތުރަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަވެގެންދާނެ، ކުރިންނަމަ އަތޮޅު ކައުންސިލްގެ ބައްދަލުވުމަކަށް މެންބަރުން ހާޒިރުވާން 26 ހާހެއްހާ ރުފިޔާ އެބަ ޚަރަދުވޭ، މި ބަދަލާއެކު މި ދަތުރަށް 2 ހާސް ރުފިޔާވެސް ޚަރަދުނުވާނެ،'' ޝިޔާމް ވިދާޅުވިއެވެ.
މި ބަދަލާއެކު ސަލާމަތްކުރެވޭ ފައިސާ، އެ އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ހިންގާ އިޖުތިމާއީ، އުމުރާނީ ތަރައްޤީގެ ކަންކަމަށް އެހީތެރިވުމަށް ފޯރުކޮށްދެމުންދާނެ ކަމަށް ވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
''އާރުޓީއެލް ފެރީގެ ޚިދުމަތަކީ ފަސޭހަ، އަރާމް ޚިދުމަތެއް، އެ ޚިދުމަތުގެ ބޭނުން ހުރިހާ މާނާގައި ވެސް ހެޔޮގޮތުގައި ހިފުމަކީ މުހިންމުކަމެއް،'' ޝިޔާމް ވިދާޅުވިއެވެ.
ށ. އަތޮޅު ކައުންސިލުން މިފަދަ ނިންމުމެއް ނިންމިއިރު އެ ކައުންސިލަކީ ވަރަށް ހަރަކާތްތެރި އަދި އަތޮޅުގެ ތަރައްޤީގެ ކަންކަމުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކައުންސިލެކެވެ.
ށ. އަތޮޅު ކައުންސިލުން އެ ކައުންސިލުން ކުރަންޖެހޭ ރަސްމީ ދަތުރުތައް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީ މެދުވެރިކޮށް ކުރަން ނިންމާފައިވާއިރު، ސަރުކާރުން ވަނީ، ރާއްޖޭގެ އެންމެ އުތުރުން ބޮޑު ތިލަދުންމަތީގައި ހިމެނޭ ހއ.، ހދ. އަދި ށ. އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފަށާފައެވެ.
ދައުލަތުގެ މާލިއްޔަތަށް ލުއި ހޯދައިދީ، ރައްޔިތުންގެ ފައިސާ ޚަރަދުވާ މިންވަރު ކުޑަކުރުމުގެ ގޮތުން ށ. އަތޮޅު ކައުންސިލުން މިފަދަ ނިންމުމެއް ނިންމިއިރު، ހދ. އަތޮޅު ކައުންސިލުން މިހާރު މާލެއަށް ކުރަމުން އަންނަ ދަތުރު ކަނޑު މަގުން ކުރުމަށް ހުށަހެޅި ނަމަވެސް އެ ގޮތަށް ފާސް ވެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!