ހދ. ނޮޅިވަރަންފަރުގެ ފެނުގެ ނިޒާމް މިއަދު އިފްތިތާޙް ކޮށްފިއެވެ.

މިކަމަށް ނޮޅިވަރަންފަރުގައި މިއަދު އޮތް ރަސްމިއްޔާތުގައި އެރަށު ފެނުގެ ނިޒާމް އިފްތިތާޙް ކޮށްދެއްވީ މަސްވެރިކަމާ، ދަނޑުވެރިކަމާބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަސަންއާއި، ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަޙްމަދު ސައީދު އެވެ.

Ad
rt

މި ރަސްމިއްޔާތުގައި ތިމާވެއްޓާބެހޭ ވަޒީރު އައިމިނަތު ޝައުނާ އާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ޢަބުދު ﷲ ވެސް ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ޝައުނާ ދެއްކެވި ވާހަކާގައި މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ރަށްރަށުގެ ފެނަށް ޖެހުމުގެ މައްސަލަ ދިމާވާކަން ފާހަގަ ކުރަށްވައި، މި މަޝްރޫޢު އަކީ އެކަމަށް ހައްލެއް ކަމަށް ވިދާޅުވިއެވެ.

މި މަޝްރޫއު ހިންގާފައި ވަނީ ގްރީން ކްލައިމެޓް ފަންޑް ހިލޭ އެހީ އާއި ސަރުކާރާއި ޔޫ.އެން.ޑީ.ޕީ ގެ އެހީތެރިކަމާއެކު އެވެ. ޢަމަލީ މަސައްކަތް ކުރީ އެންވަޔަރަންމަންޓް މިނިސްޓްރީ އިން ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއާ ލިމިޓެޑް އާ ހަވާލުކޮށްގެންނެވެ.

ނޮޅިވަރަންފަރުގެ ފެނުގެ ނިޒާމުގެ މަސައްކަތް ފަށާފައި ވަނީ 1 ނޮވެމްބަރު 2018 ގައެވެ. މި މަސައްކަތް ނިމިފައި ވަނީ 07 ފެބްރުވަރީ 2022 އެވެ.

މި މަޝްރޫޢުގެ ދަށުން ޤާއިމު ކޮށްފައިވާ 45 ޓަނުގެ 2 ޕްލާންޓުން ދުވާލަކު 90 ކޮޑި މީޓަރުގެ ފެން އުފެއްދުމުގެ ޤާބިލްކަން ލިބިފައިވައި ވެއެވެ.

މި ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށް 300 ޓަނުގެ ތާނގީއެއް ބެހައްޓާފައިވާއިރު، އަދި މި މަޝްރޫޢުގެ ދަށުން 16.7 ކިލޯމީޓަރ ދިގުމިނުގެ ފެންވިއުގައެއް ވަނީ ޤާއިމްކޮށްފައެވެ.

ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށް ޖުމްލަ 36,321,012.36 (ތިރީސް ހަ މިލިއަން ތިން ސަތޭކަ އެކާވީސް ހާސް ބާރަ ރުފިޔާ ތިރީސް ހަ ލާރި) ޚަރަދުކޮށްފަވެއެވެ.