ކުޑަކުދިން މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތް ކުރުމަކީ، މިއަދު އުފުލަންޖެހިފައިވާ އެންމެ ބޮޑުއެއް ޒިންމާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިސިމްޕޯޒިއަމް ކުރިއަށްދަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" އާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، މިސިމްޕޯޒިއަމް މިބޭއްވީ އެކަމަށް ނުހަނު ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ހުރި ގޮންޖެހުންތަކަކީ ކޮބައިކަން، މަހާސިންތާގެ މަޝްވަރާތަކުން ދެނެގަނެވޭނެ ކަމުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި، ތަފާތު އެތައް ދާއިރާއަކުން މިއަދު މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ. މިގޮތުން ކުޑަކުދިން މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތް ކުރުމަކީ، މިއަދު އުފުލަންޖެހިފައިވާ އެންމެ ބޮޑުއެއް ޒިންމާކަން ފާހަގަކުރެއްވިއެވެ.
ކުޑަކުދިންގެ ހެދި ބޮޑުވުމަށާއި، އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އެންމެ މުހިންމީ ޢާއިލީ ގުޅުމުގެ ބަދަހިކަން ކަމަށާއި، ޢާއިލާގެ ތެރެއިން އެކުދިންނަށް ލޯތްބާއި އޯގާތެރިކަން އިޙްސާސްވާނީ، ގެވެށި ގުޅުން ބަދަހިވި ވަރަކުންކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ. އެހެންކަމުން ގެވެށި ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން، ސަރުކާރުން މިހާރުވެސް ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންދާކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދައުލަތުން ކިތަންމެ އޯގާތެރިކަމާއެކު، ކިތަންމެ ހޭހަންކޮށްގެން ކުދިން ބެލެހެއްޓިޔަސް، މައިންބަފައިންގެ ލޯބިން މަޙްރޫމުވުމުން ކުޑަކުދިންނަށް އެލިބޭ އުނިކަމާއި ހިތްދަތިކަން ފޫބެއްދޭނެ ގޮތެއް ނޯންނާނެކަމަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނައުމަކީ، މައްސަލަތަކަށް އޮތް ހަމައެކަނި ޙައްލު ނޫންކަމަށާއި، އެކުދިންގެ ކުރިމަގަށް ވެސް އެންމެ ރަނގަޅު ގޮތަކީ، ގާތްތިމާގެ މީހުންނާ އެކުގައި މުޖްތަމަޢާ ލާމެހިގެން އުޅެވޭނެ ގޮތެއް ހޯދައިދިނުން ކަމަށް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ، ކުޑަކުދިންގެ ހިޔާ އަދި ހުޅުމާލެ ފިޔަވަތީގައި ދައުލަތުގެ ފަރާތުން ބަލަހައްޓަމުން އައި ކުދިންނަށް އިޖްތިމާޢީ ޢާއިލީ ވެއްޓެއް ހޯދައިދިނުމަށް، 6 ރަށެއްގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން އަމާން ވެށިތަކެއް ޤާއިމުކޮށް، އެކުދިން މިހާރު އެ ތަންތަނަށް ބަދަލުކުރެވިފައިކަން ވެސް ފާހަގަކުރައްވާފައެވެ.
މިއަދު ފެށި "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ، ސިމްޕޯޒިއަމް އާއި ގުޅޭ ގޮތުންތައްޔާރުކޮށްފައިވާ ފޮތެއް ރައީސަށް ވެދުމަަށް އަރުވާފައެވެ.
މި ސިމްޕޯޒިއަމް ކުރިއަށްދާނީ، މިއަދާއި މާދަމާ، ކްރޮސް ރޯޑް މޯލްޑިވްސްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!