އިއްޔެ ހަވީރު ހދ. ނޮޅިވަރަންފަރު ފަރުމައްޗަށް އުރުނު ހއ. ކެލާ ސަވާރީ ބޯޓު ފުން ކުރުމުގެ މަސައްކަތް މިއަދު ހެނދުނުއްސުރެ ފަށައިގެން ކުރިއަށް އެބަދެއެވެ.

ސަވާރީ ބޯޓު އަޑިއަށް ދިޔައީ އިއްޔެ ހަވީރު އެ ބޯޓު ނޮޅިވަރަންފަރު ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައި އެ ރަށު ނެރު މައްޗަށްވާގޮތަށް ހުރި ބޮޑެތި ގާތަކުން ގަލަކަށް އަރައި ހިނގި ހާދިސާގައެވެ.

Ad
rt

އެ ބޯޓު ނޮޅިވަރަން ފަރަށް ދިޔައީ މާލެ އިން މުދާ ބަރުކޮށްގެންނެވެ. މާލެ އިން ފުރަތަމަ ބޯޓު ދަތުރު ކުރީ ކެލަ އަށެވެ. ކެލައަށް ބައެއް މުދާ ބާލާފައި އެ ބޯޓު ނޮޅިވަރަން ފަރަށް ދިޔައީ އިއްޔެ ހަވީރުއެވެ. އެ ބޯޓު އަޑިއަށް ދިޔައިރު ބޯޓުގައި ސައިކަލުފަދަ ތެކެއްތިން ފެށިގެން އެތައް ބާވަތެއްގެ އަގުބޮޑު އެތައް މުދަލެއް ހުއްޓެވެ.

ކެލާ ސަވާރީ ބޯޓު، ނޮޅިވަރަންފަރު ފަރުމައްޗަށް އަރައި އަޑިއަށް ހިނގައްޖެ

ބޯޓު އަޑިއަށް ގޮސް ބޯޓުގެ ގެ ގަނޑާއި ހަމައަށް ލޮނުއަރައި، ބިއްލޫރިތައް ފުނޑުފުނޑުވާން ފެށުމުން ބޯޓުގެ ފަޅުވެރިން ރޭ ވަނީ ނޮޅިވަރަން ފަރަށް ފައިބާފައެވެ. އެ ފަޅުވެރިންނަށް ނޮޅިވަރަންފަރު ކައުންސިލްގެ ފަރާތުން ރަށްވެހިގޭ ހަމަޖައްސާފައިވާއިރު، ކެއިން ބުއިން ބުއިމުގެ ކަންތަކުގައި އެހީތެރިވަމުން އަންނަނީ ނޮޅިވަރަންފަރު ރައްޔިތުންނެވެ.

ސަވާރީ ބޯޓުގައި ހުރި ބައެއް މުދާ ނޮޅިވަރަންފަރު ގޮނޑުދޮށަށް ލައްގާފައި

ނޮޅިވަރަންފަރު ކައުންސިލްގެ ނައިބު ރައީސް އަބުދުލް ކަރީމް ''ތިލަދުން'' އަށް ވިދާޅުވީ، އަޑިއަށް ދިޔަ ބޯޓު ފުން ކުރުމުގެ މަސައްކަތް ހެނދުނު 6 ޖަހާއިރު ވަނީ ފަށާފައެވެ. މި މަސައްކަތުގައި ނޮޅިވަރަންފަރު ރައްޔިތުންނާއެކު، ކެލާއިން އެރަށަށް ދިޔަ ފަންސާހަކަށް މީހުން ވެސް އަންނަނީ ބައިވެރިވަމުންނެވެ. އަދި ސިފައިން ވެސް އަންނަނީ އެ މަސައްކަތުގައި ބައިވެރިވަމުންނެވެ.

ބޯޓުގައި ހުރި މުދަލުން ބައެއް އެއްގަމަށް އަރުވާފައި

''ތާންގީތައް ޖަހައިގެން ބޯޓު ފުންކުރުމުގެ މަސައްކަތް ހެނދުނު ހައެއް ޖަހާކަށް ހާއިރު ފަށައިފިން، ރޭގައި ބޮޑަށް މަސައްކަތްކުރީ މުދާތައް އެއްގަން ކުރަން، މިއަދު ވެސް ގިނަ އަދަދެއްގެ މުދާ އެއްގަން ކުރެވިއްޖެ، ގިނަ މުދާތައް ނެގީ މޫދުތެރެއިން'' ކަރީމް ވިދާޅުވިއެވެ.

ބޯޓުން ލެއްގި ބައެއް މުދާ

ކަރީމް ވިދާޅުވީ، މި މަސައްކަތުގައި ވެސް ނޮޅިވަރަންފަރު ރައްޔިތުން އަބަދުމެ ދައްކަމުން އަންނަ ނަމޫނާ ދައްކަމުން އަންނަ ކަމަށެވެ. މިގޮތުން މި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވަމުން އަންނައިރު، ކެލާއިން އެރަށަށް ދިޔަ ފަންސާހަކަށް މީހުންނާއި، ބޯޓު ފަޅުވެރިންގެ ކެއިން ބުއިމުގެ ކަންތައްތައް ވެސް ހަމަޖައްސައިދެނީ އެ ރަށުގެ އެކި ގޭބިސީތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތުގައި ނޮޅިވަރަންފަރުގެ ކައުންސިލާއެކު ރަށު ރައްޔިތުން ދެމި ތިބުމަކީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވެސް ކަރީމް ވަނީ ފާހަގަ ކުރަށްވާފައެވެ.