ހއ. ކެލާ ސަވާރީ ބޯޓް ނޮޅިވަރަންފަރު ފަރުމައްޗަށް އަރައިފިއެވެ.
މިކަމާއި ގުޅިގެން އެމްއެންޑިއެފް އިން ވިދާޅުވީ ނޮޅިވަރަންފަރު ނެރުމައްޗަށް "ސަވާރީ" ނަމަކަށް ކިޔާ މުދާއުފުލާ ދޯންޏެއް އަރައިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން 19:34 ހާއިރު އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ. އެ ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ މިރޭ 18:30 ހާއިރުކަމަށް ވެސް ވިދާޅުވި އެވެ.
މި ހާދިސާއާއި ގުޅިގެން ތިލަދުން ނޫހަށް މަޢުލޫމާތު ހިއްސާކުރަމުން ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ނަދީމް ވިދާޅުވެފައި ވަނީ ނޮޅިވަރަންފަރުގެ ނެރުމައްޗަށްވާގޮތަށް ހުރި ބޮޑެތި ގާތަކުން ގަލަކަށް އަރައި ސަވާރީ ބޯޓް އަޑިއަށް ގޮސްފައިވާ ކަމަށާއި، ބޯޓުން މައްޗަށް ފެންނަން މިވަގުތު ހުރީ ހިޔާގަނޑުން އެއްބައި ކަމަށެވެ.
ނަދީމް އިތުރަށް ވިދާޅުވެފައި ވަނީ މިވަގުތު ބޯޓުގައި ތިބި އެންމެން ވެސް ނޮޅުވަރަންފަރަށް ބާލާފައިވާ ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ މަޢުލޫމާތު މިހާތަނަށް ލިބިފައިނުވާކަމަށެވެ.
މިވަގުތު ނޮޅިވަރަންފަރުގެ ކުދިބޮޑުއެންމެން ނުކުމު ބަނދަރުގައި ތިބިކަމަށާއި، ބޯޓް ފުން ކުރުމަށް މިވަގުތު ކުރެވޭނެ ކަމެއް ނެތުމުން ބޯޓުން އޮޔާދާ މުދާތަށް ހޮވައި އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ނަދީމް ވަނީ ވިދާޅުވެފައެވެ.
ނަދީމް އިތުރަށް ވިދާޅުވެފައި ވަނީ ނެރުގެ ބޭރުފައިކަށީގެ ބޭރުގައި ހުރި ބޮޑެތި ގައުތައް ނަގައިދިނުމަށް ކަމާބެހޭ ފަރާތްތަކުގައި ނޮޅިވަރަންފަރު ކައުންސިލުން ތަކުރާރުކޮށް އެދިފައިވާނެ ކަމަށާއި، ނަމަވެސް މިއަދާ ހިސާބަށް ވެސް އެކަމަށް ހައްލެއް ލިބިފައިނުވާ ކަމަށެވެ.
ކެލާ ސަވާރީ ބޯޓު، ނޮޅިވަރަންފަރު ފަރުމައްޗަށް އަރައި އަޑިއަށް ހިނގައްޖެhttps://t.co/Dw5KsXbfK2 pic.twitter.com/fsrMArMTw8
— Thiladhun (@thiladhun) September 8, 2022
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސަވާރީ ބޯޓް ނޮޅިވަރަންފަރަށް ވަންނަން މަސައްކަތް ކޮށްފައިވަނީ މާލެއިން ނޮޅިވަރަންފަރަށް ގެނައި މުދާ ހުސްކުރުމަށެވެ.
މި ހާދިސާއާއި ގުޅިގެން ކެލާ ކައުންސިލުން މިރޭ އެ ކައުންސިލްގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ކެލާ ސަވާރީ ބޯޓް ނޮޅިވަރަންފަރު ފަރު މައްޗަށްއަރާ ބޯޓް އަޑިޔަށްދާތީ، ބޯޓަށް އެހީތެރިވުމަށްޓަކައި ވީހާވެސް ގިނަ ފަރާތްތަކުން ނޮޅިވަރަންފަރަށް ދިއުމަށް މިރޭ 20:30 އަށް ބަނދަރަށް ދުރުވެ ދެއްވުމަށް ދަންނަވާކަމަށެވެ.

އަދި މިރޭ ކައުންސިލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުން މިކަމާއި ގުޅިގެން ކެންސަލް ކުރެވިފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!