ޒަމާނީ ތަޢުލީމުގެ ތަފާތު ދާއިރާތަކުގެ މީހުން، ސިފައިންގެ ޚިދުމަތަށް ބޭނުންވާކަމަށް ރައީސް އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސިފައިންގެ 68 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމުގެ ގޮތުން މިއަދު ޅ. މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިޒަމާނުގެ ޢަސްކަރިއްޔާތަކަކީ ސައެންސާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޢަސްކަރިއްޔާތައް ކަމަށް ފާހަގަކުރައްވައި ދިވެހި ސިފައިންވެސް މިދާއިރާއިން ވިސްނުން ގެންގުޅެންޖެހޭކަމުގަ އެވެ.
"ސިފައިންގެ ޚިދުމަތަށް، ޒަމާނީ ތަޢުލީމުގެ ތަފާތު ދާއިރާތަކުގެ މީހުން ބޭނުންވޭ، އަދި ތަފާތު ދާއިރާތަކުން ޢިލްމު ހޯދައިގެން ކުރިއަށް ދިއުމުގެ ފުރުޞަތުތައް ވެސް ދިވެހި ޢަސްކަރިއްޔާގައި ހުޅުވިފައިވޭ"
ރައީސް ގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
ސިފައިންގެ އެންމެ އިސް އެއް ވާޖިބަކީ ކޮންމެ ޙާލަތެއްގައި ވެސް ރައްޔިތުން ހިމާޔަތްކުރުންކަމަށާއި ސިފައިންގެ މީހަކަށް ވިޔަސް، ޢާންމު ރައްޔިތުންނަށްޓަކައި އަދާކޮށްދޭންޖެހޭ މަދަނީ ވާޖިބުތަކެއް ހުންނާނެކަން ފާހަގަކުރައްވައި ޢާންމު ރައްޔިތަކަށް ކަމެއްދަމެއް ބޮޑުވާ ޙާލަތްތަކުގައި ރައްޔިތުންގެ ޙިމާޔަތުގައި ސިފައިން ތިބެން ވާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެ އެވެ.
ދިވެހިންގެ ފަޚުރުވެރި ޤައުމިއްޔަތުން ފެންނަ އެންމެ މަތިވެރި އެއް ސިފައަކީ، ޢަސްކަރިއްޔާގެ ބަދަހިކަމާއި އެކުވެރިކަމާއި ސާބިތުކަންކަމަށާއި މިއަދު ހުވާކުރި ސިފައިން އެމީހުން ފުރިހަމަކުރި ތަމްރީން ކޯހުން ލިބުނު ޢަސްކަރީ ހުނަރުގެ ޙަޤީޤީ ބޭނުން ޤައުމަށް ކުރާނީ އެ ގޮތުގައި އެއް އަމާޒަކަށް މަސައްކަތް ކޮށްގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޑިމޮކްރެޓިކް މުޖްތަމަޢުތަކުގައި ޢަސްކަރިއްޔާތަކުގެ ބޭނުން މިހާރު ބޮޑަށް ހިފަނީ ހަނގުރާމައަށް ވުރެ ބޮޑަށް ޞުލްހަ ދެމެހެއްޓުމަށްކަން ފާހަގަކުރައްވައި މިސަރަޙައްދުގެ ޢަސްކަރިއްޔާތައްވެސް އިސްކަންދެނީ ސަރަޙައްދީ ޞުލްޙަޔާއި ހަމަޖެހުން ދެމެހެއްޓުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަ އެހެންމެ، ދިވެހި ޢަސްކަރިއްޔާވެސް މިހާރު އަދާކުރާ އެންމެ މުހިންމު ޒިންމާއަކީ ޤައުމުގެ ޞުލްޙަޔާއި ހަމަޖެހުން ދެމެހެއްޓުންކަމާއި ރާއްޖޭގެ މިނިވަންކަމާއި ދިފާޢުގައި ސިފައިން އަޅާ ކޮންމެ ފިޔަވަޅަކީ، ސަރަޙައްދީ ހަމަޖެހުމާއި ޞުލްޙަޔަށްޓަކައި އެޅޭ ފިޔަވަޅެއްކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި، ސިފައިންގެ 68 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިންނަށް ރަމްޒީގޮތުން ބަޑިހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ރަސްމިއްޔާތުގައި، 195 ދަރިވަރަކު ސިފައިންގެ އަސާސީ ކޯސްފުރިހަމަކޮށް ހުވާކޮށްފައިވެއެވެ. މި ދަރިވަރުންނަށް ހުވާ ލައިދެއްވީ ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ސުލައިމާން މުޙައްމަދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!