މިދިޔަ ރޯދަމަހާއި ދިމާކޮށް މާލެ ސިޓީ ކައުންސިލުން ބޭއްވި ގުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.

މި ދެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ހަފްލާ ބާއްވާފައި ވަނީ ރޭ މާލޭގެ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ.

Ad
rt

މި ހަފްލާގައި ގުރުއާން މުބާރާތާއި މަދަހަ މުބާރާތުން ވަނަވަނަތަކަށް އައި ފަރާތްތަކަށް އިނާމު ހަވާލުކޮށްފައިވާއިރު، މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން މުބާރާތުގައި ވަނީ 293 ކުދީން ބައިވެރިވެފައެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 168 ކުދީން އަދި ނުބަލައި ކިޔެވުމުގެ ގޮފީގައި 125 ކުދީންނެވެ. މުބާރާތް ފަރުމާކޮށްފައިވަނީ ހަ އުމުރުފުރާއަކަށް ބަހާލައިގެންނެވެ.

މާލޭ ސިޓީ ކައުންސިލްގެ މަދަހަ މުބާރާތުގައި ޖުމްލަ 134 ކުދީން ބައިވެރިވިއެވެ. ޤުރުއާން މުބާރާތެކޭއެއްގޮތަށް މި މުބާރާތް ވެސް 6 އުމުރުފުރާއަކަށް ގިންތިކޮށްފައިވެއެވެ.

ގުރުއާން މުބާރާތުގެ މުޅި މުބާރާތުގެ އެއްވަނަ އަށް ހޮވިފައިވަނީ 13 އަހަރުން ދަށުގެ ދަރިވަރު މަން އިސްމާއިލް މުޚްތަބާ އެވެ. މަދަހަ މުބާރާތުން މުޅި މުބާރާތުން އެއްވަނަ ހޮވިފައިވަނީ 16 އަހަރުން ދަށުގެ ދަރިވަރު އައިޝަތް އާލާ ހަސަންއެވެ.

މިއީ މާލެ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ގުރުއާން މުބާރާތަކާއި މަދަހަ މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރެވެ. އެ ކައުންސިލުން ވިދާޅުވިގޮތުގައި މި ދެ މުބާރާތަށް ވެސް އިންސާފުކޮށްދެއްވީ ރާއްޖޭގައި މި ރޮނގުން ފުންނާބު އުސް ފަނޑިޔާރުންނެވެ.