ހދ. އަތޮޅުގެ އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ހދ. ކުޅުދުއްފުށި ސިޓީގައި ފަށައިފި އެވެ.

މިއީ މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒު، ކުޅުދުއްފުށީ ސިޓީ ކައުންސިލް އަދި ހދ. އަތޮޅު ކައުންސިލްގެ އިދާރާ ގުޅިގެން ބާއްވާ ޕްރޮގްރާމެކެވެ.

Ad
rt

މިދިޔަ މަހުގެ 31 އިން މިމަހުގެ 03 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ރާއްޖޭގެ ފުންނާބުއުސް ޢިލްމުވެރިންނާއި ޤާރީނެވެ. އެގޮތުން 3 ޢިލްމުވެރިންނާއި 2 ޤާރީން މި ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މި ޕްރޮގްރާމްގައި 36 ޚަތީބުންނާއި، 14 އިމާމުންނާއިއެކު ޖުމްލަ 50 ބޭފުޅުން ބައިވެރިވާކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވަ އެވެ.

މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ކިޔަވައިދޭނީ ނަމާދުގެ ޙުކުމްތަކާއި، ޚިލާފީ މައްސަލަތަކުގައި ޢަމަލުކުރާނެގޮތާއި މަސައްކަތުގެ އަޚްލާޤާއި، އެހެން މީހުންނާއި މުޢާމަލާތްކުރުން ފަދަ މައުޟޫޢުތަކާއި ތަޖުވީދުގެ އިތުރުން ޚުޠުބާ ހުށަހެޅުމުގައި ވިސްނަންވީ ކަންކަމާއި، އިމާމުންނާއި ގުޅޭ ސިވިލް ސާވިސްގެ ޤަވާޢިދާ އުސޫލުތަކާއި ހުކުރު ޤަވާޢިދާ އުސޫލް ކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

މިއީ ދިވެހިރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާ ފަރާތްތަކަކީ، ޢާއްމު ރައްޔިތުންނާއެކު ފަރުޟު ފަސްނަމާދު އިސްވެކުރައްވާ ފަރާތްތައް ކަމަށްވާތީ، އެފަރާތްތަކަށް އިތުރު ތަމްރީނުދިނުމާއި، ހުނަރުވެރިކަން އިތުރުކުރުމާއި، ފުޅާދާއިރާއެއްގައި އެބޭފުޅުންގެ މަސައްކަތްތައް ބައްޓަންކުރުމަށް މަގުފަހިކުރުމުގެ މަޤްސަދުގައި ބާއްވާ ޕްރޮގްރާމެއްކަމަށް އެމިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން އިމާމުންނާއި ޚަތީބުންގެ މައްސޫލިއްޔަތުތައް އިތުރަށް ހަރުދަނާކޮށް އެ ބޭފުޅުންނަށް މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށާއި ކުރެވޭ ކުށްތައް ބަޔާންކޮށްދީ އެކަންކަން ރަނގަޅުކޮށްދިނުމުގެ ގޮތުން ހިންގޭ ޕްރޮގްރާމެއްކަމަށްވެސް އެމިނިސްޓްރީން ބުންޏެވެ.

މުޅި ރާއްޖެއަށް އަމާޒުކޮށް ހިންގޭ މި ޕްރޮގްރާމް ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެހެން އަތޮޅުތަކުގައިވެސް ހިންގުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެ އެވެ.