ހެލްތް ޕްރޮމޯޓިންގް ސްކޫލް ކޮންފަރެންސް ރޭ ފަށައިފިއެވެ.

"ހެލްތް ޕްރޮމޯޓިންގ ސްކޫލް ކޮންފަރެންސް" އަކީ ހެލްތް ޕްރޮމޯޓިންގ ސްކޫލް ޕޮލިސީ ތަންފީޒްކުރުމަށް ބާރުއެޅުމަށާއި، ކޮންފަރެންސްގައި ބައިވެރިވާ ސްކޫލުތަކުގައި ހެލްތް ޕްރޮމޯޓިންގ ސްކޫލްގެ ޑައިމެންޝަންތަކަށް ކޮށްފައިވާ މަސައްކަތްތައް ހިއްސާކުރުމަށާއި، ސްކޫލްތަކުގެ ތަޖުރިބާތައް ހިއްސާކުރުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޮންފަރެންސެކެވެ.

Ad
rt

މި ކޮންފަރެންސްގެ ތީމަކީ " ސަސްޓެއިން ގުޑް ޕްރެކްޓިސަސް، އެމްބްރޭސް އިނޮވޭޝަންސް އެންޑް އެސެލެރޭޓް ޕްރޮގްރެސް" އެވެ.

ރޭ މާލޭގެ ތާޖުއްދީން ސްކޫލް ހޯލުގައި މި ކޮންފަރެންސް ފަށާފައިވާއިރު، މި ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިޞަލް ނަސީމެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ފާއިތުވި އަހަރުތަކުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވެފައިވާކަން ހާމަކުރައްވާފައެވެ. އަދި، މި ދަނޑިވަޅަކީ މިކަމަށް އިތުރު ސަމާލުކަމެއް ދީގެން ތުއްތު އިރުން ފެށިގެން ކުދިން ރަނގަޅު ޞިއްޙަތެއްގައި ބޭތިއްބުމަށް މަސައްކަތްކުރަންވީ ވަގުތުކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އެގޮތުން އެމަނިކުފާނު ވަނީ ސްކޫލް ދައުރުގައި ކުދިންނަށް ދަސްކޮށްދޭ އާދަކާދައަކީ މުޅި ޢުމުރު އެކުދިންގެ ގައިގައި ހަރުލާފައި ހުންނަ އާދަކާދަކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ކުދިންގެ ޅަފަތުން ފެށިގެން ރަނގަޅު ޞިއްޙަތެއްގައި ދެމިހުރުމަށް މަސައްކަތްކުރުމުގެ ގޮތުން ރަނގަޅު ކާނާ ކެއުމާއި، ކަސްރަތުކުރުން ފަދަ ކަންކަން ކުރުމަށް ސަމާލުކަންދިނުމަށް އެދިވަޑައިގަންނަވާފައެވެ.

މި ކޮންފަރެންސްއަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއާއި ގުޅިގެން ތާޖުއްދީން ސްކޫލުގެ އެހީތެރިކަމާއިއެކު މުޅިން އަލަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސެކެވެ.

މާލެ ސަރަޙައްދުގެ 17 ސްކޫލެއްގެ މުވައްޒަފުންނާއި، ދަރިވަރުން އަދި ބެލެނިވެރިން ހިމެނޭ ގޮތަށް ޖުމްލަ 136 ބައިވެރިންނާއެކު ފެށި މި ކޮންފަރެންސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 2022 އޮގަސްޓް 25 އަދި 27 ގައި ތާޖުއްދީން ސްކޫލްގައެވެ. މި ބައިވެރިންގެ އިތުރުން ވެސް އަތޮޅުތަކުން ޖުމްލަ 79 ސްކޫލެއް އޮންލައިންކޮށް އޮބްޒާވަރުންގެ ގޮތުގައި މި ކޮންފަރެންސްގައި ބައިވެރިވެއެވެ.