ހއ. އަތޮޅު ކައުންސިލްގެ ހަރަދުގައި، އެއަތޮޅުގެ ރަށުކައުންސިލްތަކަށް ހިއުމަން ރިސޯރސް (އެޗް.އާރު) ސޮފްޓްވެއަރ ގަނެދީފި އެވެ.
ހއ. އަތޮޅު ކައުންސިލުން ބުނީ މިއީ، އެ އަތޮޅުގެ ރަށްރަށުގެ ރަށުކައުންސިލްތައް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ކައުންސިލްތަކުގެ އިދާރީ ގިނަ މަސައްކަތްތައް ޒަމާނީ ޓެކްނޮލޮޖީ އެހީގައި ކުރެވޭނެގޮތް ހަމަޖެއްސުމަށް ފަށައިގެން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެއްކަމަށެވެ.
މި ޕްރޮގްރާމްގެ ތެރެއިން މުޅިން އަލަށް ތަޢާރަފުކުރެވޭ އެޗް.އާރު ސޮފްޓްވެއަރއަށް އަހުލުވެރި ކުރުވުމުގެ މަސައްކަތް މި ހިގާ އޯގަސްޓް މަހުގެ 9 ވަނަ ދުވަހުން ފެށިގެން އެ އަތޮޅުގައި ކުރިއަށް ގެންދަނީ، ސޮފްޓްވެއަރ އުފެއްދި ކުންފުނީގެ ފަރާތުން ރަށްރަށަށް ގޮސްގެންކަމަށްވެސް އެކައުންސިލުން ބުންޏެވެ. މިހާތަނަށް 5 ކައުންސިލެއްގެ މުވައްޒަފުންނަށް މަޢުލޫމާތު ދެވިފައިވެއެވެ.
މި ސޮފްޓްވެއަރގެ އެހީގައި ރަށުކައުންސިލްތަކާއި މިސްކިތްތަކުގެ މުވައްޒަފުންގެ ހާޒިރީއާއި ޗުއްޓީގެ ކަންކަމާއި މުސާރައާއި އެލަވަންސްތައް ދިނުމާގުޅޭ ކަންކަމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ ހާޒިރީއާއި ޖަލްސާތަކުގެ ސިޓީންގ އެލަވަންސްތަކާއި ކައުންސިލްތަކުގެ އިންވެންޓްރީއާއި ސްޓޮކް ބެލެހެއްޓުންފަދަ އިދާރީ ގިނަ މަސައްކަތްތައް ކަރުދާސް ބޭނުންނުކޮށް ބެލެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ހއ. އަތޮޅު ކައުންސިލުން ބުންޏެވެ.
އަދި މި ޕްރޮގްރާމްގެ ތެރެއިން މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް މުވައްޒަފުންގެ ހާޒިރީއާއި ޗުއްޓީފަދަ މުހިންމު މަޢުލޫމާތުތައް ރަށުން ބޭރުގައި ހުންނަވައިގެން މުވައްޒަފުންނަށް ބެލޭނެގޮތް ހަމަޖެހިގެން ދާނެއެވެ.
މި މަޝްރޫއަކީ އަތޮޅު ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގޭ ޓެކްނޮލޮޖީގެ ބޮޑު މަޝްރޫއެކެވެ.
ހއ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށް އޮންނަ އިރު އެ ކައުންސިލްގެ އަމާޒަކީ ކައުންސިލްތަކުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައްވެސް މުސްތަގުބަލުގައި ޑިޖިޓަލްކޮށް ދެވޭނެ އިންތިޒާމު ހަމަޖެއްސުންކަމަށް އެކައުންސިލުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!