ހއ. ދިއްދޫގައި އެޅިގާ އެޅުމުގެ މަސައްކަތް ކުރުމުގައި އެ މަސައްކަތްކުރާ ބިން ޤަވާޢިދާ ޚިލާފަށް ބޭނުންކުރަމުންދާތީ އެ މަސައްކަތްކުރާ ފަރާތް ޖޫރިމަނާކޮށް، އެފަރާތަށް އެ މަސައްކަތް ކުރުމަށް ބިމެއް ދިނުމަށް ދިއްދޫ ކައުންސިލުން ނިންމައިފިއެވެ.
ދިއްދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 73 ވަނަ ބައްދަލުވުމުން ނިންމާފައި ވަނީ އެ ފަރާތް އެޅިގާ އެޅުމަށް ގަވާއިދާ ޚިލާފަށް ބިން ބޭނުން ކުރަމުންދާތީ 1500 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.
މީގެ އިތުރުން އެ ފަރާތުން ގާ އެޅުމުގެ މަސައްކަތަށް ބިމެއް ހޯދުމަށް އެދިފައިވާތީ ދިއްދޫ ކުނިކޮށި ހިމެނޭ ސަރަހައްދުން 24 ފޫޓް، 24 ފޫޓް ބިމެއް ވަގުތީ ގޮތުން އެފަރާތަށް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އެ ބިން ދޫކުރަން ނިންމާފައި ވަނީ ހަ މަސްދުވަހުގެ މުއްދަތަށެވެ.
ނަމަވެސް މި ބިން އޭނާއަށް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަންވާނީ، އޭނާ ގަވާއިދާ ޚިލާފަށް ބިން ބޭނުން ކުރުމުން ކޮށްފައިވާ ޖޫރިމަނާ ދެއްކުމުން ކަމަށް ކައުންސިލްގެ ނިންމުމުގަ ވެއެވެ.
ކައުންސިލްގެ މި ނިންމުން ނިންމާފައި ވަނީ، ބައްދަލުވުމަށް ހާޟިރުވެ ތިއްބެވި ހަ މެންބަރުންގެ އިއްތިފާޤުންނެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ''ތިލަދުން'' އަށް ވިދާޅުވީ، މީގެ ކުރިން ވެސް އެ ގޮތަށް ގަވާއިދާ ޚިލާފަށް ބިން ބޭނުންކުރި ބައެއް މީހުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި އެކަމަކީ އެ ފަދަ މަސައްކަތްކުރާ މީހުންގެ މަސައްކަތަށް ހުރަސްއަޅަން ކުރާ ކަމެއް ނޫންކަމަށާއި، ބޭނުމަކީ އެފަދަ ފަރާތްތައް ޤަވާއިދުގެ ތެރެއަށް ވެއްދުންކަމަށް ވިދާޅުވިއެވެ. އަދި މިގޮތަށް ޖޫރިމަނާ ކުރެވުނު ފަރާތްތަކަށް ގަވާއިދުގެ ތެރެއިން މިހާރު ބިން ދޫކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!