ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ފުލުހުންގެ ބަންދުގައި ހުރި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލް މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް މިދިޔަ މަހު ކުރިއަށް ގެންދަނިކޮށް އެތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި މުހައްމަދު އިސްމާއިލްގެ ބަންދުގެ މުއްދަތު އެކިފަހަރު މަތިން ކޯޓުން ވަނީ އިތުރުކޮށްފައެވެ. އެންމެފަހުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރީ މިދިޔަ ޖުލައި މަހުގެ 7 ވަނަ ދުވަހު އެވެ. އެ ދުވަހު އޭނާގެ ބަންދަށް 30 ދުވަސް ކުރިމިނަލް ކޯޓުން އިތުރުކުރިއެވެ.

Ad
rt

އޭނާ ބަންދުގެ މައްސަލަ މީގެ ކުރިން ވަނީ ހައިކޯޓުގައި އިސްތިއުނާފް ވެސް ކޮށްފައެވެ. އެކަމަކު މިދިޔަ ޖުލައި 24 ވަނަ ދުވަހު އެ ކޯޓުން ވަނީ އޭނާ ބަންދުކުރި މައްސަލައިގެ އިސްތިއުނާފް ބަލައިނުގަތުމަށް ނިންމާފައެވެ.

އޭނާ މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލީ ބަންދުގެ މުއްދަތު ހަމަވާތީ ބަންދާމެދު ގޮތެއް ނިންމަން ބޭއްވި އަޑުއެހުމުގައެވެ.

ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ބައެއް މީހުން ދޫކޮށްލާފައިވާއިރު، އޭގެ ތެރޭގައި ޝައިހް ފަޒްލޫން މުހައްމަދު ވެސް ހިމެނެ އެވެ. ނަމަވެސް އެ މައްސަލާގައި ހައްޔަރުކުރި ޝައިހް އާދަމް ނިޝާން އަދި ވެސް ހުރީ ބަންދުގަ އެވެ.

ޔޯގާއާއި ދެކޮޅު ހަރަކާތާއި ގުޅިގެން ކުރީގެ މެންބަރު މުޙައްމަދާއި މިނޫންވެސް ހައްޔަރީން ދޫކޮށްލުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އަންނަނީ ''މިނިވަންކުރޭ، މިނިވަންކުރޭ'' ނަމުގައި މުޒާހަރާތަކެއް ވެސް ކުރަމުންނެވެ.