ރާއްޖޭން އުތުރު ރަށެއްގެ ޓީޗަރަކު އެއްޖިންސުން ގުޅުން ހިންގާ މައްސަލައެއްގައި ސަސްޕެންޑް ކޮށްފައި ހުންނަތާ މަހަކަށްވުރެއް ގިނަދުވަސް ވެފައިވާކަން ހާމަވެއްޖެ އެވެ.
ޓީޗަރަކު އެއްޖިންސުން ހިންގާ މައްސަލައެއް ބަލަމުން ދާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ “ތިލަދުން” އަށް ކަށަވަރުކޮށްދެއްވާފަ އެވެ.
މިނޫހުން ކުރި ސުވާލަކަށް ޖަވާބު ދެމުން ފުލުހުން ބުނީ އަޕަރ ނޯތު ޕޮލިސް ޑިވިޝަން (ހއ، ހދ، ށ) ހިމެނޭ ރަށެއްގައި ދެފިރިހެނުން އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލައެއް ޖޫން މަހުގެ 25 ވަނަ ދުވަހު ފުލުހުންނަށް ހުށައެޅިފައިވާކަމަށެވެ.
މިމައްސަލަ އާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކުރެވިފައި ނުވާކަމަށް ފުލުހުން ބުންޏެވެ. އަދި މިމައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ދާކަމަށްވެސް ފުލުހުން ބުނެ އެވެ.
މިއްސަލަ ފެންމަތިވީ ސީދާ ކޮންރަށެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން މިކަމުގައި މައުލޫމާތު ދީފައިވަނީ ކުޑަކުދިންގެ މައްސަލަ ތަކުގައި މައުލޫމާތު އާންމުކުރާ ބީދައިން ރަށާއި އަތޮޅުވެސް ހާމަނުކޮށެވެ.
ނަމަވެސް އިތުބާރުހުރި ފަރާތަކުން މިނޫހަށް ކަށަވަރު ވެފައިވާ ގޮތުގައި، މިމައްސަލަ ފެންމަތި ވެފައިވަނީ ހދ. ނޮޅިވަރަންފަރު ގަ އެވެ. އިތުބާރު ހުރި މަގާމެއްގައި ހުރި ފަރާތަކުން މަޢުލޫމާތުދެމުން ބުނީ މިފަދަ މައްސަލަ އެއްގައި އެރަށު ސުކޫލުގެ ގުރުއާން ޓީޗަރު ޖުލައި 01 ވަނަ ދުވަހު ސަސްޕެންޓް ކޮށްފައިވާ ކަމަށެވެ. ސަސްޕެނޑް ކުރީ މިނިސްޓްރީއޮފް އެޑިއުކޭޝަނުންނެވެ. ފުރަތަމަ ސަސްޕެނޑް ކުރީ މުސާރަ ހިނގާ ގޮތަށެވެ. ފުރަތަމަ ސަސްޕެންޑް ކުރި މުއްދަތު ހަމަވުމުން މިހާރު އެމީހާ ހުރީ މުސާރަ ނުހިނގާހެން ސަސްޕެންޑްކޮށްފަ އެވެ.
ގުރުއާން ޓީޗަރުގެ ފަރާތުން މިފަދަ މައްސަލައެއް ފެންމަތިވެ ސުކޫލުގެ ބެލެނިވެރިންނާއި އާންމުން އައީ ކަންބޮޑުވުން ފާޅުކޮށް ސަކުވާ ކުރަމުންނެވެ. އެރަށު މީހުން އައީ އޭނާ އަށް ފާރަވެސް ލަމުންނެވެ. އެރަށުގައި އަޑުފެތުރިފައިވާގޮތުން އޭނާ ވަނީ އެރަށުގައި އުޅޭ ބިދޭސީންނާއި އެކުވެސް ގުޅުން ހިންގާފައެވެ. އަދި ދިވެހި ދެފިރިހެނުން ނާއި ގުޅުން އޮންނަކަމަށްވެސް އަޑުފެތުރިފައިވެއެވެ.
އެއްޖިންސުން ގުޅުން ހިންގުމަކީ، ﷲގެ ކޯފާ އާއި އަޒާބު މި ދުނިޔެމަތީގައި އަތުވެދާނެ ފަދަ ނުބައި ޢަމަލެކެވެ. އެއްޖިންސުން ގުޅުން ހިންގުމަކީ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ހުތުރުކަން ބޮޑު ފާފައެކެވެ.
އެއް ޖިންސުން ގުޅުން ހިންގުމަކީ އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ޤާނޫނުގެ ދަށުން ވެސް ކުށެކެވެ. ކުރިން މިފަދަ ކުށްތަކަށް ރާއްޖޭގެ ގާނޫނުން އޮތް އަދަބަށް ވުރެ މިހާރު ހުރި އަދަބުތައް ބޮޑެވެ. އަދި ގާނޫނު އޮތްގޮތުން މަރުގެ އަދަބު ވެސް މިހާރު އެކަމަށް ދެވިދާނެ އެވެ.
އިސްލާމީ ޝަރީއަތުގެ ދަށުން ބަލާއިރު އެއް ޖިންސުން ގުޅުން ހިންގުމުގެ އަދަބަކީ މެރުން ނުވަތަ ރަޖަމު ކުރުމެވެ. އެހެނީ، ކީރިތި ރަސޫލާގެ ހަދީސް ބަސްފުޅެއްގައިވެ އެވެ.
"ލޫތުގެފާނުގެ ގައުމުގެ މީހުން ކުޅަ އަމަލެއް ކުރަނިކޮށް ތިޔަބައިމީހުންނަށް ފެނިއްޖެ ނަމަ، މަތީގައި އޮތް މީހާ އާއި ދަށުގައި އޮތް މީހާ ގަތުލުކުރާ ހުށިކަމެވެ."
މި ހަދީސް ބަސްފުޅުގައި، ލޫތުގެފާނުގެ ގައުމުގެ މީހުންނަށް ނިސްބަތް ކުރައްވާފައި އެވަނީ އެ ގައުމުގެ މީހުންނަކީ އެއް ޖިންސުން ގުޅުން ހިންގުމުގެ ސަބަބުން މާތްﷲ ގެ ކޯފާއާ ކުރިމަތިވި ބަޔަކަށް ވާތީ އެވެ. އެހެންކަމުން އެއް ޖިންސުން ގުޅުން ހިންގުމުގެ އަދަބަކީ މެރުން ކަން ހަދީސް ބަސްފުޅުން ސާބިތުވެ އެވެ.
ލިވާޠު ކުރުމަކީ ޒިނޭ އަށްވުރެވެސް ފާޙިޝްކަން ބޮޑު ކަމެކެވެ. އެހެނީ ޒިނޭ އަކީ އެކަމުގައި ކުރެވޭ ކަންތައް ޢަގްދުކޮށްގެން ހުއްދަގޮތުގައި ކުރެވިދާނެ ކަމެކެވެ. ނަމަވެސް، ލިވާޠު ހުއްދަ ކުރެވޭނެ ހަމައެއްވެސް ގޮތެއް ނޯވެއެވެ. އަދި އިންސާނުންގެ ބުއްދިންވެސް ބަލައިގަނެވޭނެ ކަމަކަށް އެކަން ނުވެއެވެ.
ލޫޠު ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ވިދާޅުވިއެވެ.
( وَلُوطًا إِذْ قَالَ لِقَوْمِهِ أَتَأْتُونَ الْفَاحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ الْعَالَمِينَ ﴿٨٠﴾ إِنَّكُمْ لَتَأْتُونَ الرِّجَالَ شَهْوَةً مِّن دُونِ النِّسَاءِ ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ ﴿٨١﴾ ) މާނައަކީ:
“ އަދި لوط ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، عالم ތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ فاحش عمل ތިޔަބައިމީހުން ކުރަނީހެއްޔެވެ؟ ހަމަކަށަވަރުން، ތިޔަބައިމީހުން شهوانى ގޮތުން، އަންހެނުން ދޫކޮށް، ފިރިހެނުންނާ ގާތްވަމުއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ފާފަކުރުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކީމުއެވެ.“
ސަލާމް ލެއްވި ލޫތުގެފާނުގެ ޤައުމުގެ މީހުން ހަލާކު ކުރެއްވީ އެއްޖިންސުން ގުޅުން ހިންގުމުގެ ސަބަބުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!