ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ބޮލުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އެޅުއްވި ތުޙުމަތަކީ "ކަނޑައެޅިގެން ދޮގު" ކަމުގައި ސަރުކާރުންގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ފޮޓޯތަކެއް އުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވާ ދެއްކެވި ވާހަކަތަކާއި ގުޅޭގޮތުން މިނޫހުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ، އެފަދަ އެއްވެސް ކަމެއް ރައީސް ނުކުރައްވާ ކަމުގެ ޔަގީންކަން، ރައީސް ދެއްވަވާ ކަމަށެވެ.
"އެވާހަކަތަކަކީ ކަނޑައެޅިގެން ދޮގު"
މަބްރޫކް ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕްއަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނުގެ އާއިލީ އަންހެން ކުއްޖަކާއެކު ރައީސް ސޯލިހް ބަދު އަހުލާގީ އަމަލު ހިންގަވާ މަންޒަރު ހިމެނޭ ހަތަރު ފޮޓޯއެއް ނަޝީދަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ނަޝީދު މިފަދަ މެސެޖްތަަކެއް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕަށް މި ފޮނުއްވާފައި މި ވަނީ، އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ނާޒިމް އަބްދުލް ސައްތާރު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނިކޮށެވެ.
އަލަމްގީރާއެކު އެއްޖިއްސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް މިިދިޔަ މަހުގެ ފަހުކޮޅު އާންމުވިއިރު، ނާޒިމްގެ ވީޑިއޯ ތިލަވީ އެންމެ ކުރިންނެވެ. އޭރުއްސުރެ އޭނާގެ ޕާސްޕޯޓް އޮތީ ހިފަހައްޓައިފަ އެވެ.
ކޮއްކޯފުޅު ހައްޔަރުކުރުމާއި ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ މަނިކުފާނުގެ ކޮއްކޮ ނާޒިމް ހައްޔަރުކުރީ ޖިނާއީ އިޖުރައާތުތަކާ ހިލާފަށް ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ސަރުކާރުގައި ތިބި ދީނީ ހަރުކަށި މީހުންގެ ރުހުން ހޯދަން ކަމަށް ވެސް ނަޝީދުގެ ޓްވީޓްގައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!