އެއްޖިންސުން ގުޅުން ހިންގުމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށާއި، މި އުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިފި ވަސަލަމައަށް ފުރައްސާރަކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުން ގޮވާލައިއެވެ.

Ad
rt

މިކަމާއި ގުޅިގެން އެ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ އެއް ޖިންސުން ގުޅުން ހިންގުންފަދަ ފާހިޝް އަމަލުތަކަކީ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ އަމަލަކަށްވާއިރު، ދިވެހި ފަސްގަނޑުގައި އެފަދަ ނުބައި އަމަލުތައް ހިންގާކަމީ މި ކައުންސިލުން ހިތާމަކުރާ ކަމެއްކަމަށެވެ.

މިހާތަނަށް އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކަށް ބަލާއިރު، ޤާނޫނީ ވަކީލުންނާއި ފުލުހުން، ކުރީގެ އަދި މިހާރުގެ މަޖިލިސް މެމްބަރުންނާއި ނޫސްވެރިންގެ އިތުރުން މުނިފޫހި ފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ހިމެނޭކަމީ މި ފާހިޝް އަމަލުގައި މި ޤައުމު ތަޤައްޔަރުވެފައިވާ މިންވަރު ހާމަވާކަމެއް ކަމުގައި އެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ދިވެހި އިސްލާމީ މުޖުތަމަޢުގައި ފާޅުކަން ބޮޑު ގޮތެއްގައި މި އުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިފި ވަސައްލަމަށް ފުރައްސާރަ ކުރުމަކީ ވެސް ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ ސަބަބުން ޤައުމުގެ މުސްތަގުބަލު ކިލަނބުވަމުންދާ މަންޒަރު ދެކެން ބޭނުން ނުވާކަމަށެވެ. އަދި އެ ކައުންސިލުން އެފަދަ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިފި ވަސައްލަމައަށް ފުރައްސާރަކުރާ ފަރާތްތަކާއި އެއް ޖިންސުން ގުޅުން ހިންގުންފަދަ ފާހިޝް އަމަލުތައް ހިންގުމުގައި ޝާމިލުވާ އެންމެހާ ފަރާތްތަކުގެ މައްސަލަ ބަލައި ޤާނޫނީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް ދިނުމަށް ދިވެހި ފުލުހުންގެ މުއައްސަސާއަށާއި ޕްރޮސެކިއުޓާ ޖެނެރަލްއަށް ތިނަދޫ ކައުންސިލުން ވަނީ ގޮވާލާފައެވެ.