އަޅުގަނޑުމެންގެ އާދައަކީ ގަސް އިންދާ ދުވަހެއް ފާހަގަކޮށް މުލުން ލުހެލައިގެން ރަނގަޅަށް ވަޅުވެސް ނުކޮނެ ގަސް އިންދުމެވެ.
މިޒުވާނުން މިދައްކާ ނަމޫނާ ތަފާތެވެ. އިންދަން ހުރި ގަސްތައް ޕޮޓުތަކުގައި ކުރީބައިގައި އިންދާ ރޯކުރެއެވެ. ގިނަ ދުވަހު ހުންނާނެ ގޮތަށް ކޮށިގަނޑުތައް ތައްޔާރުކުރެއެވެ.

ގަސް އިންދުމަށްފަހު އަޅާނެ ކަޅުފަސް ހޯދައެވެ. ދަގަނޑަކުން ވަޅެއް ޖަހައިގެން އިންދުމުގެ ބަދަލުގައި ރަނގަޅަށް ވަޅު ކޮނެ، ގަސް އިންދުމަށް ފަހު ކަޅު ފަސް އަޅައެވެ. އަދި ގަވާއިދުން ފެންދީ ގަސްތައް ބަލަހައްޓައެވެ.

މިގޮތުން ފީވަކު ކައުންސިލްގެ ރައީސް ޢަލީ ރަޝީދު ޙަސަން އަދި ކައުންސިލް މެންބަރު އިބްރާހީމް ރަޝީދު އިސްވެ ތިއްބަވާ ހިންގަވާ ޒުވާނުން ޓީމުން ގެންދަނީ ރަށުގެ އެކި ހިސާބުތަކުގައި ތަފާތު ވައްތަރުގެ ގަސް އިންދުމެވެ.

“އަޅުގަނޑުމެންގެ އަމާޒަކީ މުސްތަޤްބަލުގައި މިރަށަކީ ސާފު ވައި ލިބޭ އަދި ހިތްފަސޭހަ މާޙައުލެއް އޮންނަ ރަށަކަށް ހެދުން”
އާސިމް ހާމަކުރެއްވިއެވެ.

މިގޮތުން އެ ޓީމުން ގެންދަނީ ވަރަށް ރަނގަޅަށް ތައްޔާރުވެ ޕްލޭންކުރެވިގެން ހިރުނދު، ކާނި، ދިއްގާ، ހިތި، ފިތުރޯނު، ނިކަ އަދި ވެސް ތަފާތު ބޮޑެތި ހިޔާދޭފަދަ ގަސްތައް އިންދަމުންނެވެ.

“އަޅުގަނޑުމެން މިގެންދަނީ ވަރަށް ރީތި މާ އަޅާ ގަސްތައް ވެސް އިންދަމުން. އެގޮތުން ނިކަ އާއިލާއަށް ނިސްބަތްވާ، ވަރަށް ގިނައިން ރީނދޫ މާ ގަނޑުތަކެއް ނުކުންނަ ގަހެއްވެސް އެބަ އިންދަން. ގޮފި ރޯކޮށްގެން މި އިންދަނީ”
ފީވަކު ގަސް އިންދާ ޕްރޮގްރާމާ ބެހޭގޮތުން އިތުރަށް އާސިމް ވިދާޅުވިއެވެ.

ފީވަކު ޒުވާނުންގެ މަސައްކަތް ބަލައިގަނެ ހުބާ ޕްލާންޓްސް އިން ގެންދަނީ އެޓީމަށް އަދި ޓީމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ގަސްކާނާ އާއި އިތުރު އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ހޯދުމަށް މަސައްކަތްކުރަމުންނެވެ.
ފީވަކު ޒުވާން ޓީމަށް އައްސަރިބަހާއި ސާބަހެވެ!
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!