ނައިބު ރައީސް އޭދަފުށީ އަމާން ވެސްޓަށް ޒިޔާރަތް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް އިއްޔެ އޭދަފުށީ އަމާން ވެސްޓަށް ޒިޔާރަތް ކުރެއްވީ ދަރަވަންދޫގައި ކުރިޔަށްދާ ޢީދު ޙަރަކާތްތައް ބައްލަވާލެއްވުމަށް މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ އޭދަފުއްޓަށް ވަޑައިގެން ފެމެލީ އެންޑް ޗިލްރަންސް ސާވިސް ސެންޓަރުގެ ދަށުން ހިންގަމުން އަންނަ އަމާންވެށީގެ އިތުރުން ބ. އަތޮޅު ހޮސްޕިޓަލުގެ ހާލަތު ވެސް ބައްލަވާ ލައްވާފައެވެ.
މި ޒިޔާރަތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އަމާންވެށީގައި ދައުލަތުގެ ބެލުމުގެ ދަށުން ބަލަމުންގެންދާ ކުދިންނާ ބައްދަލުކޮށް އެ ކުދިންގެ ހާލުއަހުވާލު އޮޅުން ފިލުއްވާފައެވެ. އަދި އެ ތަނުގައި އެ ކުދިންނަށް ދަތިވާ ކަންކަމާއި އެ ކުދިން ދިރިއުޅޭ އިމާރާތުގެ ހާލަތުވެސް ނައިބު ރައީސް ބައްލަވާ ލެއްވިއެވެ.
މީގެއިތުރުން ބ. އަތޮޅު ހޮސްޕިޓަލަށް ނައިބު ރައީސް ކުރެއްވި ޒިޔާރަތުގައި ހޮސްޕިޓަލަށް ކުރިމަތިވާ ދަތިތައް އޮޅުން ފިލުއްވައި، އެ ހޮސްޕިޓަލުގައި އަލަށް ހަދާފައިވާ ޑައިލައިސިސް ޔުނިޓް ބައްލަވާލެއްވިއެވެ. އަދި ސިއްޙީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެ ހޮސްޕިޓަލުގެ ވެރިންނާއި ނާއިބު ރައީސް ހިއްސާ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޭދަފުށްޓަށް ކުރެއްވި މި ޒިޔާރަތުގައި އެރަށު ކައުންސިލާވެސް ވަނީ ބައްދަލު ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!