ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލް ޤުރުއާން މުބާރާތް 1443 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މަކުނުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން އެރަށުގެ ހުރިހާ އުމުރެއްގެ ފަރާތްތަކަށް ވެސް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ މަކުނުދޫ ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް، ޤުރުއާން ކިޔެވުމުގެ ވާދަވެރި ރޫހެއް އުފައްދައި ތަޖުވީދު ހަމަތަކުގެ މަތީން ތަރުތީލުކޮށް ޤުރުއާން ކިޔެވުމުގެ ޝަޢުޤުވެރިކަން އާލާކޮށް، ދީނީ ރޫހު އަށަގެންނެވުމާއި، އަތޮޅު ފެންވަރުގައްޔާއި ގައުމީ ފެންވަރުގައި ވާދަކޮށް ރަށަށް ރީތި ނަން ހޯދައިދެވޭފަދަ ފަރާތްތަކެއް އުފެއްދުމެވެ.

Ad
rt

މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 26 އޯގަސްޓް 2022 ވާ ހުކުރު ދުވަހުއެވެ. މުބާރާތުގައި ބައިވެރި ވުމުގެ އެންމެ ފަހު ތާރީޚަކީ 07 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން މަކުނުދޫ ކައުންސިލް އިދާރާއަށް ވަޑައިގެން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކޮށް ނުވަތަ އޮންލައިން ފޯމް ފުރިހަމަކޮށް ހުށަހެޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަވާއިދު އެ ކައުންސިލްގެ ފޭސްބުކް ޕޭޖުން ލިބިއްވާނެއެވެ.

މުބާރާތުގައި ބައިވެރިވާ ފަރާތްތައް އުމުރުފުރާ ކަނޑައެޅުމުގައި ބެލުމަށް ހަމަޖެހިފައި ވަނީ 30 ސެޕްޓެމްބަރ 2022 ވަނަ ދުވަހަށް ހަމަވާ އުމުރަށެވެ.