ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) އާއި ގުޅުވައިގެން ކޮށްފައިވާ ތުހުމަތު ތަކުގެ ޙަޤީޤަތް ހާމަ ކޮށްދީ، ދޮގު މައުލޫމާތު ފަތުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ހޯރަފުށީ ކައުންސިލުން ގޮވާލައިފިއެވެ.

މިކަމާ ގުޅިގެން ހޯރަފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ގުޅޭގޮތުން ފަތުރަމުންދާ ދޮގު އިލްޒާމުތައް ކުށްވެރި ކުރާކަމަށެވެ.

Ad
rt

އަދި މެމްބަރު ސަލީމަށް ރައްދުވާ ގޮތަށް އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ އަމަލެއް ކޮށްފައިވާކަމަށް ތުހުމަތުކޮށް ބައެއް ނޫސްތަކުން ގެނެސްފައިވާ ޚަބަރަކީ އެއްވެސް އަސްލެއް އަދި އަސާސެއް ނެތް ކަމެއްގެ ގޮތުގައި އެ ކައުންސިލުން ދެކޭ ކަމަށް ހޯރަފުށީ ކައުންސިލުން ވަނީ ބުނެފައެވެ.

އެހެންކަމުން އެފަދަ ބޮޑެތި އިލްޒާމުތައް އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި އެ ދާއިރާގެ މެމްބަރުގެ އިސްތަށިފުޅުގައި އެޅުވުމަކީ ހޯރަފުށީ ކައުންސިލާއި ރައްޔިތުންވެސް ކަންބޮޑުވާ ކަމެއްކަމަށް ހޯރަފުށީ ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ހޯރަފުށީ ކައުންސިލުން ވަނީ މެމްބަރު ސަލީމަކީ ރައްޔިތުންނަށް މުހިއްމު ބިލުތަކާއި ޤަރާރުތައް ހުށައަޅުއްވާ، އަދި ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި ވަކާލާތު ކުރައްވާ މެމްބަރެއް ކަން ފާހަގަ ކުރައްވައި ދާއިރާގެ މެމްބަރުގެ ނަފްސުގެ ޙުރުމަތް ނެތިކޮށްލުމަށް އެއްވެސް އަސްލެއް އަދި އަސާސެއް ނެތް މައުލޫމާތުތަކެއް ފަތުރަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިވެސް ކޮށްފައެވެ.

އެއީ ޒިންމާދާރު ކަމެއް ނެތި، މެމްބަރާއިމެދު ރައްޔިތުންގެ މެދުގައި ރުޅިވެރިކަން އުފެއްދުމަށް ފަތުރަމުންދާ ވާހަކަތަކެއްކަން ބަޔާންކޮށް ކައުންސިލުން ވަނީ އެފަދަ ދޮގު މައުލޫމާތުތައް ފަތުރަމުންދާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މި ބަޔާނުގައި ގޮވާލާފައެވެ.

މީގެ އިތުރުން، މެމްބަރު ސަލީމްވެސް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައިވާ ގޮތަށް، އެ މައްސަލަ ތަޙުޤީޤުކޮށް ވީ އެންމެ އަވަހަށް ރައްޔިތުންނަށް ޙަޤީޤަތް ހާމަކޮށް ދިނުމަށްވެސް ކައުންސިލުގެ 6 މެމްބަރުން ސޮއިކުރައްވާ ނެރުއްވި ބަޔާނުގައި އެދިފައިވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކާއި ގުޅިގެން، ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމަށް ތުހުމަތުކޮށް ބައެއް ނޫސްތަކުގައި ލިޔެފައިވާ ވާހަކަތައް ސަލީމްވެސް ވަނީ ދޮގުކުރައްވާފައެވެ.

އަދި އޭނާ ނުކުރައްވާ ކަމެއް އެއީ ނުކުރާކަމެއް ކަމަށް ސާބިތުކުރުމަށް ކުރެވޭނެ ކަމެއް ނެތް އިރު، އެފަދަކަމެއް ހިނގިކަމަށް ބުނާ ވީޑިއޯއެއް ނުވަތަ ފޮޓޯއްގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ފުލުހުންގެ މުއައްސަސާގެ ޒިންމާއެއްކަމުގައި ވެސް ސަލީމް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގައި ހޯރަފުށީގެ އިތުރުން ހިމެނެނީ ތުރާކުނާއި އުލިގަމެވެ.