ހއ. ހޯރަފުށީ ގައި ހުންނަ އެއަތޮޅުގެ އަތޮޅު މަދަރުސާގެ ފާއިތުވީ ތިން އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ.

ހއ. އަތޮޅު މަދަރުސާގެ ހޯލްގައި ރޭ ބޭއްވުނު މި ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޖާހިދެވެ.

Ad
rt

ރޭގެ ޖަލްސާގައި ޖުމްލަ 37 ދަރިވަރުން އިނާމު ޙާޞިލު ކޮށްފައިވާއިރު ބެސްޓް އޯލް ރައުންޑަރސްގެ ގޮތުގައި މަތީ ޘާނަވީން 2019 ވަނަ އަހަރު ފާޠިމަތު ފިރުޝާގެ އިތުރުން ޘާނަވީ ގްރޭޑްތަކުން ޝިހާދާ އިބްރާހީމް ހޮވިފައިވެއެވެ.

މީގެއިތުރުން 2020 އަދި 2021 ވަނަ އަހަރު މަތީ ޘާނަވީން މަރްޔަމް އަފާފް މުޙައްމަދު ބެސްޓް އޯލް ރައުންޑަރސްގެ ގޮތުގައި ހޮވުނުއިރު ޘާނަވީ ގްރޭޑްތަކުން ހޮވިފައިވަނީ ޢާއިޝަތު ޝައްފާ ޢަބްދުﷲއެވެ.

ރޭގެ ރަސްމިއްޔާތުގައި 2019 ވަނައަހަރު އާއްމު ކެޓަގަރީން 27 ދަރިވަރަކު އިނާމް ހާސިލު ކޮށްފައިވާއިރު ހާއްސަ ކެޓަގަރީން 13 ދަރިވަރަކު އިނާމު ހޯދާފައިވެއެވެ.

އަދި 2020 އާއި 2021 ވަނައަހަރު އާއްމު ކެޓަގަރީން 11 ދަރިވަރުންގެ އިތުރުން ހާއްސަ ކެޓަގަރީން 10 ދަރިވަރުންނަށް ވަނީ އިނާމް ދެވިފައެވެ.

މި ރަސްމިއްޔާތުގައި ހއ އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ޙުސައިން ނަޢީމް އަޙްމަދާއި ހޯރަފުށީ ކައުންސިލްގެ ނައިބުރައީސް އަޙްމަދު އިމްދާޙާއި ހޯރަފުށީ ދާއިރާގެ މެމްބަރ އަޙްމަދު ސަލީމާއި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ހޯރަފުށީ ޢަލީ ނަޞީރު އާދަމްގެ އިތުރުން ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި މުޙައްމަދު މުޚްތާރު ބައިވެރިވެ ވަޑައިގެންނެވިއެވެ.