ކުރީގެ ފިރިމީހާއަށް ހަމަލާދީ މަރާލެވުނީ ވިސްނާ ނުލާ ހުރެގެން ކަމަށް އެ މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާ މިއަދު ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

2010 ވަނަ އަހަރުގެ ޖޫން މަހު މއ. އެދުރުގޭ ހަސަން ޝާހިދަށް ހަމަލާދީ މަރާލީ އޭނާގެ ކުރީގެ އަނބިމީހާ ކަމަށްވާ ހ. ބައިކެނޑިގޭ، ނަޒާހާ އެވެ. ނަޒާހާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން އޮތީ ދަމަހައްޓައިފަ އެވެ.

Ad
rt

އެ މައްސަލަ ނަޒާހާގެ ފަރާތުން އިސްތިއުނާފް ކުރުމަށްފަހު މިއަދު ބޭއްވި އަޑުއެހުމުގައި، ވަޅިއަކުން މީހަކަށް ހަމަލާދޭއިރު މީހަކު މަރުވެދާނެ ކަން ނަޒާހާ އޭރު ނުވިސްނޭތޯ ފަނޑިޔާރުން އެއްސެވުމުން ނަޒާހާގެ ވަކީލް މަރިޔަމް ނިހާޔަތު ވިދާޅުވީ ނަޒާހާ އެ ހަމަލާ ދިނީ ކުއްލިއަކަށް އަދި ވިސްނާނުލާ ކަމަށެވެ.

އެކަން މިހާރު ވިސްނޭ ކަމަށް ނިހާޔަތު ވިދާޅުވި އެވެ. ނަޒާހާގެ ފަރާތުން ބުނަމުންދަނީ ހަމަލާދިނީ އޭނާއަށް ކުރިން ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ނަފްސާނީ ގޮތުން އަސަރުކޮށްގެން ކަމަށެވެ.

ނިހާޔަތު ވިދާޅުވީ ނަޒާހާ އެކަންކުރީ ވިސްނައިގެން ހުރެ އަދި ދުރާލާ ރާވައިގެން ކަމަށްވީ ނަމަ، އޭނާ އަމިއްލައަށް އެކަން ފުލުހުންނަށް ރިޕޯޓް ނުކުރާނެ ކަމަށެވެ. ޝާހިދަށް ހަމަލާދިނުމަށްފަހު އެކަން ރިޕޯޓްކުރީ ނަޒާހާ އަމިއްލައަށެވެ. އަދި ހަމަލާދިން ވަޅި ފުލުހުން އަންނަންދެން ކޮތަޅަކަށް ލާފައި ބާއްވާފައި އޮތެވެ.

ނިހާޔަތު ވިދާޅުވި ގޮތުގައި ޝާހިދު މެރުމުގެ ގަސްދެއް ނަޒާހާގެ ކިބަޔަކު ނެތެވެ. އަދި އެކަން ސާބިތުކޮށްދެވޭނެ ހެއްކެއް ވެސް ދައުލަތަކު ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ބައްލަވާ އެ މައްސަލާގައި ދެން އޮންނާނީ ފަހު އަޑުއެހުމެވެ.