ކުރީގެ ފިރިމީހާ މަރާލި މައްސަލާގައި ޖަލަށްލި މަރިޔަމް ނަޒާހާ އެ އަމަލު ހިންގުމުގެ ކުރިން އޭނާއަށް ފޮނުވި މެސެޖެއް ދައުލަތުން ސުޕްރީމް ކޯޓުގައި އާންމުކޮށްފި އެވެ.

2010 ވަނަ އަހަރު ނަޒާހާ ވަޅިއަކުން ހަމަލާދީ މަރާލި އޭނާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދެވެ. އެ މައްސަލާގައި ނަޒާހާ އުމުރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ ނަޒާހާ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

Ad
rt

އިއްޔެ ބޭއްވި އަޑުއެހުމުގައި ނަޒާހާއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ކުރިން އާންމުނުވާ ކަންތައްތަކެއް ހާމަވި އެވެ. ޝާހިދު މަރާލުމުގެ 11 ދުވަސް ކުރިން ނަޒާހާ އޭނާއަށް ފޮނުވި މެސެޖެއްގައި "މަރުވާން އުޅޭ އެއްޗެއް ވެސް ނޫން، ހުވާ" މިފަދައިން އޮތެވެ.

މަރާލަން ބޭނުންކުރި ވަޅިއަކީ ވެސް ޝާހިދު ގަނެދިން ވަޅިއެކެވެ. އެ ވަޅިއަކީ "އޭނާގެ ގަޔަށް ޖަހަން ހޯދާފައި އޮތް ވަޅިއެއް" ކަމަށް ނަޒާހާ ތަހުގީގުގައި ބުނެފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

"އެއް ދުވަހުން ވަޅިއެއް ޖަހާނަން" ކަމަށް ބުނެ ޝާހިދަށް ނަޒާހާ އިންޒާރު ދިން ކަމަށް އޭނާ ތަހުގީގުގައި ބުނެފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އަދި "އޭނާއަށް ވެސް އިނގޭނެ ވަޅިއެއް ކަން ޖަހާނީ ވަޅި ޖަހާނަމޭ ބުނެފައި އޮތީމަ" މިފަދައިން ތަހުގީގުގައި ނަޒާހާ ބުނި ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި ޝާހިދު މަރާލީ ގަސްދުގައި ކަމަށް ނަޒާހާ ތަހުގީގުގައި ބުންޏެވެ. އަދި އެއީ އަމިއްލަ ނަފްސުގެ ދިފާއުގައި ކުރި ކަމެއް ކަމަށް އޭނާ ބުންޏަސް، އެކަން ގާނޫނީ ގޮތުން ހަމަނުޖެހޭ ކަމަށް ދައުލަތުން ބުންޏެވެ. އަދި ނަފްސުގެ ދިފާއުގައި މީހަކު ނުމެރޭނެ ކަމަށް އޭރު ގާނޫނުގައި އޮތްކަން ދައުލަތުން ފާހަގަކުރި އެވެ.

އެ މައްސަލާގެ އިތުރު އަޑުއެހުމެއް ސުޕްރީމް ކޯޓުން ބާއްވާނެ އެވެ.