ބިލެތްފަހީ ސްކޫލްގެ އިތުރު ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން އެ ސްކޫލްގެ ބެލެނިވެރިން ފާހަގަކުރި މަސައްކަތު ދުވަހުން ފަންސާސް ހާހަށް ވުރެ ގިނަ ރުފިޔާ ހޯދައި ސްކޫލަށް ހަދިޔާކޮށްފިއެވެ.
ބިލެތްފަހީ ސްކޫލުން ފާހަގަ ކުރެއްވި ގޮތުގައި މިއީ ބިލެތްފަހީގައި މާޒީވެ ދިޔަ 10 އަހަރުގެ ތާރީޚްގައިވެސް ހޯދުނު ބޮޑުކާމިޔާބެކެވެ.
ބިލެތްފަހީ ސްކޫލަށް އެހީތެރިވުމަށް ބެލެނިވެރިން މަސައްކަތު ދުވަސް ފާހަގަކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. 83 ބެލެނިވެރިން ބައިވެރިވި މި ހަރަކާތް ކުރިއަށް ގެންދިޔައީ ހަތަރު ގްރޫޕަށް ބަހާލައިގެންނެވެ. މި މަސައްކަތު ދުވަހުން ލިބުނު ފައިސާ ޚަރަދުކުރާނީ ދަރިވަރުންގެ އިތުރު ހަރަކާތްތައް ހިންގުމަށްކަމަށް އެ ސްކޫލުން މައުލޫމާތު ދެއްވައެވެ.
ބިލެތްފަހީ ސްކޫލުގެ ޕްރިންސިޕަލް އަމްޖަދު ޙުސައިން "ތިލަދުން" އަށް ވިދާޅުވީ މި މަސައްކަތު ދުވަސް ކާމިޔާބު ކަމާއެކު ނިންމާލެވުނީ ހުރިހާ ބެލެނިވެރިން މިކަމަށް ދެއްވި ސަމާލުކަމާއި އެއްބާރުލުމާއެކުގައި ކަމަށެވެ. އަދި
މަސައްކަތު ދުވަސް ފާހަގަކުރުމުގައި ރަށުގެ ގިނައަދަދެއްގެ ބަޔަކު ބައިވެރިވެފައިވާތީ އެ ހުރިހާފަރާތްތަކަށް ޕްރިންސިޕަލް ވަނީ ޝުކުރު އަދާކުރަށްވާފައެވެ.
މީގެ އިތުރުން ގިނައަދަދެއްގެ ބެލެނިވެރިން އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންނެވީތީ އެންމެހާ ބެލެނިވެރިންނަށް ހިތުގެ އިޚްލާސްތެރި ޝުކުރު ދަންނަވާ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.
ށ. ބިލެތްފަހީ ސްކޫލަކީ 143 ދަރިވަރުން ތަޢުލީމް ހާސިލްކުރަމުންދާ ސްކޫލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!