ހއ. އިހަވަންދޫ ލޭންޑް ޔޫޒް ޕްލޭން ރިވިއުކޮށް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިހަވަންދޫ ކައުންސިލުން އިޢުލާނު ކޮށްފިއެވެ.

އިހަވަންދޫ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ހއ. އިހަވަންދޫ ލޭންޑް ޔޫޒް ޕްލޭން ރިވިއުކޮށް (ފަޅު ހިމެނޭހެން) ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލާ ދަޢުވަތު އަރުވާ ކަމަށެވެ.

Ad
rt

މިކަމަށްއެދޭ ފަރާތްތަކުން ބީލަން ހުށަހެޅުން އޮންނާނީ މިމަހުގެ 29 ވަނަ ދުވަހު 1300 ގައި އިހަވަންދޫ ކައުންސިލް އިދާރާގައެވެ.

މި އިޢުލާނުގައި ބުނާގޮތުން ބީލަން ހުށައެޅޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަންޏެވެ. އަދި ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 120 (ސަތޭކަ ވިހި) ދުވަހަށް ވާންޖެހޭއިރު، މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރު ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ސާފުކުރުމަކީ ބީލަން ހުށައަޅާފަރާތުގެ ޒިންމާއެއް ކަމުގައި ބުނެފައި ވެއެވެ.

މިކަމަށްއެދި ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމަކަށްވާއިރު، މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ އިޚްތިޔާރު އިހަވަންދޫ ކައުންސިލަށް ވަނީ ލިބިދީފައެވެ.

މި ބީލަމުގައި ރަޖިސްޓްރީވެ މަޢުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓު، ފަރުދީ ވިޔަފާރި ފަދަ ތަނަކުން މައުލޫމާތު ސާފުކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށް ޖެހޭއިރު، ބިޑްގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ ހުށައެޅުން ބަލައި ނުގަނެވޭނެ ކަމަށް އިހަވަންދޫ ކައުންސިލުގެ އިޢުލާނުގައި ބުނެފައި ވެއެވެ.

އިހަވަންދޫގެ ލޭންޑްޔޫސް ޕްލޭން ކުރިންވެސް ހަދާފައި ވާއިރު، ރަށުން ބައެއް ހިއްކުމާއި ބަނދަރަށް ގެނައި ބަދަލުތަކާއެކު ލޭންޑްޔޫސް ޕްލޭނަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.