ހޯރަފުއްޓަށް އެކިދާއިރާތަކުން ފާހަގަ ކޮށްލެވޭފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެރަށު ކައުންސިލުން ބާއްވާ "ހޯރަފުށީ ދުވަސް 2022 އެވޯޑް" ދިނުމުގެ ހަފްލާ ބާއްވައިފިއެވެ.

މި ދުވަސް ފާހަގަ ކުރުމަށް އެ ކައުންސިލުން ނިންމާފައި ވަނީ މި އަހަރުގެ މެއި މަހުގެ 17 ވާ އަންގާރަ ދުވަހުއެވެ. އަދި "ހޯރަފުށީ ދުވަސް 2022 އެވޯޑް" ދިނުމުގެ ހަފްލާ ބާއްވާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ރެއެވެ.

Ad
rt

ހޯރަފުށީ ދުވަހުގެ މިޚާއްސަ ޖަލްސާގެ ޝަރަފްވެރިކޮށް ދެއްވާފައި ވަނީ، ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ސަލީމް (ސައްލެ) އެވެ.

ހޯރަފުށީ ކައުންސިލުން މައުލޫމާތު ހާމަކުރަށްވާ ގޮތުގައި ހޯރަފުށީގެ ޚިދުމަތްތެރީންގެ އަގު ވަޒަން ކުރުމުގެ ހަފްލާގައި 92 ފަރާތަކަށް އެ ވޯޑު ދީފައެވެ.

ހޯރަފުށީގެ ޚިދުމަތްތެރިޔަކަށް މެންބަރު ސައްލެ އިނާމް ހަވާލުކޮށް ދެއްވަނީ، ފޮޓޯ: ހޯރަފުށީ ކައުންސިލް

މި ގޮތުން މި ހަފުލާގައި އެވޯޑު ދީފައިވާ ދާއިރާ ތަކަކީ ޝަރަފްވެރި ކަމުގެ އެވޯޑު، މަތީ ދަރަޖައިގެ އެވޯޑު، ޚާއްސަ ޚިދުމަތުގެ އެވޯޑު، ހިތްވަަރު ދިނުމުގެ އެވޯޑު އަދި ލައިފް ޓައިމް އެޗީވްމަންޓް އެވެ. އަދި ދުނިޔެ ދޫކުރައްވާފައިވާ ޚިދުމަތް ތެރީންނާ، މިހާރު ޚިދުމަތުގައި ތިއްބެވި ޚިދުމަތްތެރީންނަށް ވެސް އެވޯޑް ދީފައިވާއިރު، ރަށަށް ރީތިނަމާ ޝަރަފް ހޯއްދަވައި ދެއްވި ފަރާތްތަކަށްވެސް ވަނީ އެވޯޑް ދީފައެވެ.

މިފަހަރު ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހާސިލް ކުރެއްވީ ހޯރަފުށީ ކުރީގެ ބޮޑު ކަތީބު އަލީ ނަސީރު އާދަމް (ނަސީރުބެ)އެވެ.

އެ ކައުންސިލުން ހާމަ ކޮށްފައިވާ ގޮތުގައި މިފަދަ ދުވަހެއް ފާހަގަކޮށް އެވޯޑް ދިނުމުގެ ބޭނުމަކީ ތަފާތު ދާއިރާ ތަކުން ދިގު މުއްދަތަކަށް ޝަރަފްވެރި ޚިދުމަތްތަކެއް ހޯރަފުއްޓަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ތަފާތު ދާއިރާތަކުން އަގުހުރި ޚިދުމަތްތަކެއް އެ ރަށަށް ކޮށްދެއްވާފައިވާ ޢިއްޒަތްތެރީންގެ އަގު ވަޒަން ކުރުމެވެ.