ށ. ފޯކައިދޫގައި ޓާރފް ފުޓްސެލް ދަނޑެއް އަޅަން އެރަށު ކައުންސިލުން އިޢުލާނު ކޮށްފިއެވެ.

މިކަމާ ގުޅޭ ގޮތުން ފޯކައިދޫ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ މުޅި ރާއްޖެއަށް މި ފުރުޞަތު ހުޅުވާލާފައެވެ.

Ad
rt

މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން 500 ރުފިޔާގެ ނަން ރިފަންޑަބަލް ފީއެއް ދެއްކުމަށް ފަހު 15 ޖޫންގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ.

މިކަމަށް އެދޭ ފަރާތްތަކަށް މިމަހުގެ 16 ވަނަ ދުވަހު ފޯކައިދޫ ކައުންސިލު އިދާރާގައި މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ފަހު މި މަހުގެ 30 ވާ ބުރާސްފަތި ދުވަހު 10:30 ގައި އަންދާސީ ހިސާބު ހުށަހެޅުމަށް ފޯކައިދޫ ކައުންސިލުން ވަނީ އެދިފައެވެ.

މިކަމާ ގުޅޭ ގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯކައިދޫ ކައުންސިލަށް ގުޅުއްވައިގެން ނުވަތަ މެއިލް ކުރައްވައިގެން އިތުރު މައުލޫމާތު ލިބޭނެއެވެ.

ފޯކައިދޫއަކީ ވަރަށް ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިންތަކެއް ތިބި ރަށެކެވެ. އެރަށް ވަނީ އަތޮޅު ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ވެސް ހޯދައި، ގައުމީ ފެންވަރުގައި ވެސް ވާދަކޮށްފައެވެ. މިގޮތުން އެރަށުގެ ފޯކައިދޫ އެފްސީ އަކީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނަ ޓީމެކެވެ. އެ ޓީމު ވަނީ ޓެކާސް މައިލޯ ޗެމްޕިއަންޝިޕްގެ މިއަހަރުގެ މުބާރާތުގެ ށ. އަތޮޅު ޗެމްޕިއަންކަން ހޯދައި، 2019-2020 ދިރާގު ދިވެހި ލީގުގައި ވެސް ވާދަކޮށް އިތުރު ގިނަ ކާމިޔާބީތައް ވެސް ހޯދާފައެވެ.