އައިއޯސީސީގެ ތިންކުޓޭންކާއި އިލްމު އިންސްޓިޓިއުޓް ގުޅިގެން ތައްޔާރު ކުރަން ފެށި ޕްރީ ސްކޫލް ފޮތް ސެޓް ތައްޔާރުކޮށް ނިންމާލައި ފޮތްސެޓް ސްޕޮންސާ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފޮތްސެޓް ލިޔެ ތައްޔާރުކުރެއްވީ، ޕްރީ ސްކޫލްގެ ހުރިހާ މަރުޙަލާއެއްގެ ހުރިހާ މާއްދާއެއް ހިމެނޭ ގޮތުން، (އައިއޯސީސީގެ ތިންކު ޓޭންކު މެންބަރު، އަދި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ކުރީގެ ކަރިކިއުލަމް ޑިވެލޮޕަރ) މަރިޔަމް ޝަޒްނާއެެވެ. މި ހުރިހާ ފޮތްތަކެއް ތައްޔާރު ކޮށްފައިވަނީ ޤައުމީ މަންހަޖަށް ރިޢާޔަތް ކޮށްގެންނެވެ.

Ad
rt

މި ފޮތްތައް ބޭނުން ކުރަން ފެށުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނަގާނެ ކަމަށް އައިއޯސީސީން ހާމަކުރައްވާފައި ވެއެވެ. އަދި ފޮތްތައް ބޭނުން ކުރަން އެދޭ ސްކޫލްތަކަށް ފޮތްތައް ލިބޭނޭ މަގު އިލްމު އިންސްޓިޓިއުޓުން ފަހިކޮށްދޭނެ ކަމަށް ވެސް އެ ޖަމްޢިއްޔާ އިން ވިދާޅުވެއެވެ.

ޤައުމީ މަންހަޖުގައި ހިމެނޭ ފޮތްތަކުގެ އިތުރުން، ޕްރީ ސްކޫލްގެ ހުރިހާ މަރުޙަލާ އަކަށް ބޭނުން ކުރެވޭ ގޮތައް " އިސްލާމިކް ވެލިއުސް އެންޑް އެތިކްސް" އަށް ޚާއްޞަ ފޮތެއްވަނީ އެކުލަވާލާފައެވެ. މީގެ އިތުން މި މަރުޙަލާތަކަށް ޢަރަބި ބަސް ކިޔަވައިދޭ ފޮތް ސެޓްވެސް ތައްޔާރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އައިއޯސީސީން ވިދާޅުވެއެވެ.

މި ފޮތްތައް ލޭ އައުޓް ހެދުމާއި ޑިޒައިންކުރުމާއި ޕްރިންޓް ކުރުމާއި ފޮތްތަކާ ގުޅޭ އެހެންކަންކަމަށް ބޮޑު ހޭދައެއް ކުރަން ޖެހޭތީވެ، އައިއޯސީސީއާއި އިލްމު އިންސްޓިޓިއުޓް މިފޮތް ސެޓް ސްޕޮންސަރ ކުރާނެ ފަރާތަކަށް ފުރުޞަތު ހުޅުވާލަން ނިންމާފައިވެއެވެ.

އަދި މިކަމުގައި މާލީ ގޮތުން އެހީތެރިކަންދޭނެ ފަރާތްތަކަށް ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

ފޮތްތަކާ ޙަވާލު ވުމަށް ބޭއްވި ބައްދަލުވުމުގައި ފޮތްތަކާ ޙަވާލުވީ، އައިއޯސީސީގެ ރައީސް، އަދި އިލްމު އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ޑރ. ޝަހީމްވަނީ، ފޮތްތައް ނިންމެވުމަށް މަރިޔަމް ޝަޒްނާ ކޮށްދެއްވި އަގު ހުރި މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައެވެ.

ޝަޒްނާއަކީ ތަޢުލީމީ ދާއިރާއަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. މިހާރު ގެންދަވަނީ މެލޭޝިޔާގެ ޔުނިވަރސިޓީ ސައެންސް އިސްލާމްގައި އެޑިއުކޭޝަން ދާއިރާއިން ޕީއެޗްޑީ ޙާޞިލް ކުރައްވަމުންނެވެ. މަރިޔަމް ޝަޒްނާއަކީ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ތިންކު ޓޭންކުގެ މެންބަރެއްވެސް މެއެވެ.