މޯލްޑިވްސް ޓްރާންސްޕޯޓް އެންޑަ ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފޯރުކޮށްދެމުން އަންނަ ރާއްޖެ ޓްރާންސްޕޯޓު ލިންކު (އާރުޓީއެލް) ފެރީގެ ހދ. އަތޮޅުގެ ދަތުރުތަކުގެ އަގުތައް އާންމުކޮށްފިއެވެ.

މިދިޔަ ފިތުރު ޢީދު ދުވަހު އެމްޓީސީސީން ދަތުރުތައް ފަށާފައިވާއިރު މެއި 10 އާ ހަމައަށް އެ ކުންފުނިން ދަތުރު ކުރަމުން އައީ ހިލެއެވެ. މިދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު މިއީ މުހިންމު ދަތުރުތަކެއް ކަމަށް އެމްޓީސީސީން ބުންޏެވެ.

Ad
rt

ޕްލޭނިން މިނިސްޓްރީން އާއްމުކޮށްފައިވާ ގޮތުގައި ހދ. އަތޮޅުގެ 13 ރަށް ހިމެނޭހެން ފަސް ރޫޓަކުން ދަތުރުތައް ކުރާނެއެވެ. އެގޮތުން، އަތޮޅުގެ އެއް ރަށުން އަނެއް ރަށަށް ދެކޮޅު ޓިކެޓުގެ އެންމެ ބޮޑު އަގަކަށް ކަނޑައަޅާފައިވަނީ 200ރ. އެވެ. ކައިރި ރަށްތަކުގެ ދަތުރުތަކަށް ދެކޮޅު ޓިކެޓަށް 65ރ. ކަނޑައަޅާފައިވާ އިރު، ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގު އެވްރެޖުކޮށް އުޅެނީ 90ރ. އިން ފެށިގެން 180ރ. ދެމެދުގައެވެ.

އާރުޓީއެލްގެ ފެެރީ ޓިކެޓް ނަގަން ބޭނުންވާ ފަރާތްތަކަށް މިހާރު އާރުޓީއެލް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓު ނެގޭނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މި ހިދުމަތުގައި ބޭނުންކުރާ ސްޕީޑް ފެރީތަކަކީ 50 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ފެރީތަކެކެވެ. އަދި ފެރީތައް ފަރުމާކޮށްފައި ވަނީ ދަތުރުވެރިންނަށް ހިތް ފަސޭހަކަމާއެކު ދަތުރުކުރެވޭނެގޮތަށް އޭސީ ކޮށްފައެވެ.

މި ފެރީތަކުގެ ސީޓާއި ފަސިންޖަރުންގެ ކެބިން ފަރުމާކޮށްފައިވަނީ މިފަދަ ދަތުރުތައް ކުރުމަށް އެންމެ އެކަށޭނެ ގޮތަށެވެ. މިއިން ކޮންމެ ސީޓެއްގައި މޯބައިލް ޗާޖު ކުރެވޭގޮތަށް ޔޫއެސްބީ އައުޓްލެޓެއް ހަރުކުރެވިފައި ހުރި އިރު، ފެރީގައި ފާހާނާއާއި ލަގެޖު ބެހެއްޓޭ ޖާގަ ހާއްސަކުރެވިފައި ހުރެއެވެ. އަދި އާރުޓީއެލްގެ ހިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖުގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވޭނެއެވެ.

އާރުޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއްގެ ދަށުން އެ ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖައްސާފައިވަނީ ހއ، ހދ އަދި ށ އަތޮޅަށެވެ.