ކީރިތި ރަސޫލާ ﷺ އަށް އިހާނެތި ބަސްތައް ރައްދުކޮށް އިންޑިއާގެ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ ދެއްކި ވާހަކަތައް ހއ. ކެލާ ކައުންސިލުން ކުށްވެރިކޮށްފިއެވެ.

އެކަން ކުށްވެރިކޮށް ކެލާ ކައުންސިލްގެ ފަސް މެންބަރުން އިއްތިފާގުވެ އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ، މާތްވެގެންވާ އިސްލާމްދީނާއި، މާތް ރަސޫލާ އަށް ފުރައްސާރަކޮށް ހިންގާ އެއްވެސް ޢަމަލެއް ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުއާހަދާ ތަކާއި ޚިލާފަށް، އިސްލާމް ދީނަށް ފުރައްސާރަކޮށް، ކީރިތި ރަސޫލާ ﷺ ގެ ކައިވެނި ފުޅުތަކާއި ގުޅޭގޮތުން ކަނޑައެޅިގެން ޙަޤަތާއި ޚިލާފަށް ދޮގު ވާހަކަ ދައްކައި ތައުީނހީކޮށް ބަދުބަސް ބުނުމަކީ އެއްވެސް މުސްލިމަކު ތަޙައްމަލް ކުރާނެ ކަމެއް ނޫންކަމަށެވެ.

Ad
rt

ކެލާ ކައުންސިލުން ވިދާޅުވީ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ، ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރުމާއި ގުޅިގެން ދުނިއޭގެ ގައުމު ތަކުންނާއި އެތައް ބިލިއަން މުސްލިމުންނެއް މި އަމަލު ކުއްވެރި ކުރަމުންދާ ކަމަށެވެ. އަދި މި ބަސްތަތަކީ އިސްލާމް ދީނާ ދެކޮޅަށް ބުނެފައިވާ ބަސްތަކެއް ކަމަށް ދެކޭ ކަމަށް ވެސް ވިދާޅުވެފަވެއެވެ.

"މި ބަސްތަކަކީ މުޅި އިސްލާމީ އުއްމަތާ ދެކޮއް ބުނެފައިވާ ބަސްތަކެއް ކަމުގައި މި ކައުންސިލުން ދެކެމެވެ. މާތްވެގެންވާ އިސްލާމްދީނާއި، މާތް ރަސޫލާ އަށް ފުރައްސާރަކޮށް ހިންގާ އެއްވެސް ޢަމަލަކީ ބަލައިގަނެވޭނެ ޢަމަލެއް ނޫނެވެ. އަދި ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވެފައި ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން އިސްލާމް ދީން ޙިމާޔަތް ކުރުމަކީ ލާޒިމްކަމެކެވެ." ކެލާ ކައުންސިލުން ވިދާޅުވެފަވެއެވެ.

ކީރިތި ރަސޫލާ އަށް އިހާނެތި ބަސްތައް ރައްދުކުރި މައްސަލާގައި ބީޖޭޕީ އިން ވަނީ އެ ޕާޓީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ މިހާރު ސަސްޕެންޑްކޮށްފައެވެ.

މިކަމާއިގުޅިގެން ބީޖޭޕީން ނެރުނު ބަޔާނެއްގައި އެއްވެސް ދީނެއްގެ ޝަހުސިއްޔަތަކަށް ފުރައްސާރަ ކުރުމަކީ އެ ޕާޓީން ގަބޫލްކުރާ އުސޫލެއް ނޫން ކަމަށް ބުނެފައިވެއެވެ. އަދި ޓީވީ ބަހުސެއްގައި ޝަރުމާ ދެއްކި ވާހަކައާ މެދު ޕާޓީގެ ލީޑަޝިޕުން ކަންބޮޑުވާ ކަމަށް ބުނެފައިވެ އެވެ.

ޝަރުމާ ވަނީ އޭނާގެ އެވާހަކަތަކަށް މިހާރު މަޢާފަށް އެދިފައެވެ.

މީގެ ކުރިން އިތުރު ބައެއް ކައުންސިލްތަކުން ވެސް ވަނީ ޝަރުމާގެ މި ޢަމަލު ކުށްވެރިކޮށް ބަޔާން ނެރެފައެވެ. އޭގެތެރެއިން ބޮޑުތިލަދުން މަތީގެ އިހަވަންދޫއާއި އަދި އުތީމު ކައުންސިލް ހިމެނެއެވެ.