ރާއްޖެއަށް ބޭނުންވާ ބޭހާއި ކާޑާއި ތެޔޮ ދަތިކަމެއް ނެތި ގަނެވޭ ވަރަށް ދައުލަތުގައި ފައިސާ އެެބަ ހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިގުތިސާދާ ގުޅޭ ގޮތުން އާންމުންގެ މެދުގައި ހުރި ބޮޑެތި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވީ، ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ދަތި، އުނދަގޫ ހާލަތުގެ އަސަރު ރާއްޖެއަށްވެސް ކުރި ނަމަވެސް ރާއްޖޭގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކޭ ހާލަތަށް ގައުމު ގޮސް، ރާއްޖެ ބަނގުރޫޓު ވެދާނެ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ހަގީގަތާ ދުރު، އޮޅުން އަރާ ވާހަކަތަކެއް ކަމަށެވެ.

އޭގެ ސަބަބުން ރައްޔިތުން ހާސްކަމެއްގެ ތެރެއަށް ވެއްޓި ދާއިރު މިއީ ސިޔާސީ ބޭނުމަށް ދައްކައިގެން ވާނެ ވާހަކަތަކެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ

ރައީސް ވަހީދުގެ ވެރިކަން 2012 ނިމުނުއިރު ރާއްޖޭގެ ޖުމުލަ ދަރަނި ހުރީ 17 ބިލިއަން ރުފިޔާގައި ކަމަށާއި އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގައި ޖުމުލަ ދަރަނި 62 ބިލިއަން ރުފިޔާއަށް އެރި ކަމަށެވެ. އެއީ %169 ނުވަތަ 39 ބިލިއަން ރުފިޔާގެ އިތުރުވުމެއް ކަމަށް ވިދާޅުވި އެވެ.

އެހެންނަމަވެސް މި ސަރުކާރުން މިހާތަނަށް ނެގީ 37.4 ބިލިއަން ރުފިޔާގެ ދަރަނި ކަމަށް ރައީސް ވިދާޅުވިއެވެ.

ދައުލަތުގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކޭ ވަރަށް ރާއްޖޭގެ ހާލަތު ހިނގައިދާނެ ކަމަށް ބުނެ ދައްކާ ވާހަކައިގައި ހަގީގަތެއް ނެތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޖޫން މަސް ކަމަށް ވިޔަސް، ޖުލައި މަސް ކަމަށް ވިޔަސް ނުވަތަ އޮގަސްޓް މަސް ކަމަށް ވިޔަސް ރާއްޖެއަށް މަހުން މަހަށް ބޭނުންވާ ބޭހާއި ކާޑާއި ތެޔޮ ދަތިކަމެއް ނެތި ގަނެވޭ ވަރަށް ދައުލަތުގައި ފައިސާ އެެބަ ހުރި ކަމަށެވެ. އަދި މުސާރަވެސް ދެވޭނެ ކަމަށް ވިދާޅުވި އެވެ.

''އެއީ ޖޫން މަސް ކަމަށް ވިޔަސް، ޖުލައި މަސް ކަމަށް ވިޔަސް، އޮގަސްޓް މަސް ކަމަށް ވިޔަސް، ދަތިކަމެއް ނެތި ބޭހާއި ކާޑާއި ތެޔޮ މަހުން މަހަށް ގަނެވޭނެ،'' ރައީސް ވިދާޅުވި އެވެ.