އުތީމު ޣާޒީ ބަންޑާރައިން (އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން)ގެ ޖިހާދުން ބާރުލިބިގެން ދިވެހި ފަސްގަނޑުގައި އިސްލާމްދީނާ ދެކޮޅަށް ހިންގޭ ކޮންމެ ޙަރަކާތެއް ހުއްޓުވުމުގައި ދެމިތިބޭނެ ކަމުގައި އުތީމު ކައުންސިލުން ހާމަކޮށްފިއެވެ.
އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ އިސް ދެ އޮފިޝަލަކު ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި މައްސަލަ ކުއްވެރިކޮށް ހއ. އުތީމު ކައުންސިލުގެ ފަސް މެންބަރުންގެ އިއްތިފާގުން ނެރުނު ބަޔާނެއްގައި، ދިވެހި ސަރުކާރުން އިންޑިޔާއާއެކު ބާއްވަމުންދާ ގާތް ގުޅުންތައް މުރާޖަޢާ ކުރުމަށްވެސް ގޮވާލާފައި ވެއެވެ.
އެގޮތުން އިންޑިޔާގ ވެރިކަންކުރާ ބީޖޭޕީއަކީ އެހެން ދީންތަކަށް އިޙްތިރާމް ނުކުރުމުގެ ހުތުރު ސަޤާފަތެއް ގެންގުޅޭ ބަޔެއް ކަމަށާއި، ފަހަކަށް އައިސް ރާއްޖޭގައި ދިރިއުޅޭ އިންޑިޔާގެ ބައެއް ރައްޔިތުންގެ ކިބައިންވެސް އިސްލާމް ދީނާ ދެކޮޅު ޢަމަލުތައް ފެނިފައި ވާކަން އުތީމު ކައުންސިލުން އެބަޔާނުގައި ވިދާޅުވެފަވެއެވެ.
އުތީމު ކައުންސިލުންވަނީ މި މައްސަލާގައި އިސްލާމީ އުއްމަތުގެ ކިބައިން މަޢާފަށް އެދުމަށް އިންޑިޔާގެ ބީޖޭޕީއަށް ބާރުއެޅުމަށް ދިވެހި ސަރުކާރަށްވެސް ގޮވާލާފައެވެ.
ކީރިތި ރަސޫލާ ﷺ އަށް ނަސްރުވެރިވެ އެކަލޭގެފާނަށް އޮތް ލޯބި މި ދަނޑިވަޅުގައި ހާމަކޮށްދޭން ޖެހޭކަމަށްވެސް އުތީމު ކައުންސިލުގެ ބަޔާނުގައި ބުނެފައި ވެއެވެ.
ބީޖޭޕީގެ ތަރުޖަމާނު ރަސޫލާ ﷺ އަށް ފުރައްސާރަ ކުރުމުން ދިވެހި ސަރުކާރުންވެސް ވަނީ އެކަން ކުށްވެރި ކޮށްފައެވެ.
ދިވެހި ރާއްޖޭން އިދިކޮޅު ކޯލިޝަނާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އިލްމުވެރިންގެ ގުޅުމުން ވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!