އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ އިސްބަޔަކު ރަސޫލާއަށް ފުރައްސާރަ ކުރުމުން ދިވެހިރާއްޖޭން ކުށްވެރި ކޮށްފިއެވެ.
އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ވެރިންގެ ތެރެއިން ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަ ކޮށްފައިވަނީ އެ ޕާޓީގެ ތަރުޖަމާނަކާއި، އެޕާޓީގެ އިތުރު ލީޑަރަކު ޢާއްމު ޓީވީ ޕްރޮގްރާމެއްގައެވެ.
މި މައްސަލާގައި ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށް ފުރައްސާރަ ކޮށްފައިވާ ބީޖޭޕީގެ ގައުމީ ތަރުޖަމާނު ނުޕޫރު ޝަރުމާ އާއި ވެރިރަށް ނިއު ދިއްލީގެ ބީޖޭޕީގެ މީޑިއާ އިންޗާޖް ނަވީން ކުމާރު ޖިންދާލްވަނީ ފަހުން މަޢާފަށް އެދިފައެވެ.
މި މައްސަލައިގައި ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިސްލާމް ދީނާއި ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަ ކުރުމަށް ކުރާ ކޮންމެ އަމަލެއް ކުށްވެރި ކުރާ ކަމަށާއި އިންޑިއާގެ ބީޖޭޕީގެ އޮފިޝަލުންތަކެއް ކީރިތި ރަސޫލާ صلى الله عليه وسلم އަށާއި އިސްލާމް ދީނަށް ބަދު ބަސް ބުނުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
އިންޑިއާގެ ޓީވީ ޗެނަލަކުން ބޭއްވި ބަހުސެއްގައި ބައިވެރިވެ އެ ޤައުމުގައި ވެރިކަންކުރާ ބީޖޭޕީގެ ތަރުޖަމާނު ވަނީ ކީރިތި ރަސޫލާ صلى الله عليه وسلم އާއި ކީރިތި ޤުރުއާނަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައެވެ.
މި މައްސަލައިގައި އިސްލާމީ ޤައުމުތަކުން ކަންބޮޑުވުން ފާޅުކޮށް މިކަން ކުއްވެރިކުރަން ފެށުމުން ބީޖޭޕީންވަނީ މި ވާހަކަ ދެއްކި އޮފިޝަލުންނާއި މެދު ފިޔަވަޅު އަޅާފައެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަ ކުރި ބީޖޭޕީގެ އޮފިޝަލުންނާ މެދުގައި ފިޔަވަޅު އަޅާފައިވާތީ އެކަމަށް މަރުހަބާ ކިޔާ ކަމަށް ކަމަށް ވެސް ދިވެހި ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!