ހދ. ކުނބުރުދޫގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގް އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރެވެ.
ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ ކުނި ޖަމާކޮށް ނައްތާލުމުގެ ނިޒާމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ފެސިލިޓީއެއް ކަމަށް އެމްޓީސީސީން ބުންޏެވެ. އެގޮތުން ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައި އުފެދޭ ކުނި އެ ރަށަށް ގެންގޮސް ރައްކާތެރި ގޮތުގައި ނައްތާލުމުގެ މަސައްކަތް ކުރާނެއެވެ.
މި މަޝްރޫއުގެ ދަށުން ސައިޓް ކްލިއާ ކުރުމާއި ކޮންކްރީޓް މަސައްކަތްތަކާއި ފުރާޅެއް ހެދުމާއި ސްކްރީޑް އަދި ބްލޮކް މަސައްކަތްތަކާއި ޕެރިމީޓަރު ޑްރެއިން ކުރުމާއި އެކްސަސް ރޭމްޕެއް ހެދުމުގެ މަސައްކަތް ކުރާނެއެވެ.
މިއީ 7.67 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް ނިންމަން ހަމަޖެހިފައިވަނީ 140 ދުވަސް ތެރޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!