ބޮޑުތިލަދުންމައްޗަކީ ކޮބައިކަން މިހާރުގެ ފަހުގެ ޖީލަށް ފަހަރުގައި ނުއެނގިދާނެއެވެ. ބޮޑުތިލަދުންމައްޗަކީ ހއ، ހދ، ށ، ނ. މި ހަތަރު އަތޮޅު ކަމުގައި ބެލެވޭ ޤުދުރަތީ އަތޮޅަށް އިހުއްސުރެ ދިވެހިން ކިޔާ އުޅޭ ނަމެކެވެ.

ބޮޑު ތިލަދުންމައްޗަކީ މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ބޮޑުއެއް ގުދުރަތީ އަތޮޅެވެ. ހަތްވަނައަށް ދުނިޔޭގެ އެންމެ ބޮޑު އަތޮޅެވެ. އެހެންކަމުން ދުނިޔޭގެ ތާރީޚުގައި ވެސް ބޮޑު ތިލަދުންމައްޗަށް ޚާއްސަ އަހަންމިއްޔަތެއް ލިއްބައިދެއެވެ.

Ad
rt

މީގެ އިތުރުން ބޮޑު ތިލަދުންމައްޗަށް ޚާއްސަ އަހަންމިއްޔަތެއް ދިވެހި ތާރީޚުގައި ލިބިދީފައިވަނީ ދިވެހި ޤައުމަށް ދިމާވާ ބޮޑެތި މައްސަލަތައް ޙައްލު ކުރުމުގައި ބޮޑުތިލަދުންމަތީގެ ލީޑަރުން ދެއްކެވި އާދަޔާ ޚިލާފު ހިތްވަރުގަދަކަމާއި ހުނަރުވެރި ކަމުންނެވެ.

އެގޮތުން މަލިކުގެ އިތުރުން ތިލަދުންމަތީ ތުރާކުނާއި އިހަވަންދުއާއި އުތީމާއި ފިއްލަދުއާއި ބާރަށާއި މަރޮއްޓާއި ކޮމަންޑޫއަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ގުޅި ލާމެހިފައިވާ ތިލަދުންމަތީގެ ރަށްރަށެވެ.

މި ރަށްރަށުގެ ބައިވެރިވުމާއިއެކު އުތީމު ތިން ތަކުރުފާނު ވަނީ އެ ޒަމާނުގެ ކަނޑުގެ މިނިކާ ބާޒުގެ ނަމުން މަޝްހޫރުވެފައިވާ ބިރުވެރި ޕޯޗުގީޒުން ބަލިކޮށް އެބައިމީހުންގެ ވަސްވެސް މި ދިވެހި ދީބުން ފޮހެލާފައެވެ. ބޮޑުތަކުރުފާނުގެ ހިތްވަރު ގަދަ ކަމާއި ހުނަރުވެރި ކަމުގެ ވާހަކަ އަކީ އެއްވެސް ދިވެއްސަކަށް އޮޅިފައި ވާނެ ކަމެއް ނޫނެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ވެރިކަން އެމަނިކުފާނަށް ރައްޔިތުން ވެދުން ކުރެއްވީ ލޯތްބާއި އިޙްތިރާމާއި އެކުގައެވެ.

ދިވެހިރާއްޖެ ދުށް މިޒަމާނުގެ ޑިމޮކްރަސީއާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މަދަނީ ބަސްނޭހުމާއި ސުލްހަވެރި އިޙުތިޖާޖުވެސް ދިވެހިންގެ ތެރެއަށް ތަޢާރަފު ކޮށްދިނީ ތިލަދުންމަތިން ކަމުގައި ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. މި ކަމަށްޓަކައި ތިލަދުންމަތީގެ ދަރިން ވެފައިވާ މަތިވެރި ޤުރުބާނީއަކީ މިއަދު ވެސް ތިލަދުންމަތީގެ ކޮންމެ ދަރިއަކުވެސް ފަޚުރެއްގެ ގޮތުގައިދެކި ނަމޫނާއަކަށް ބަލަންޖެހޭ ޙާދިސާ ތަކެކެވެ.

އެގޮތުން ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަލޭގެފާނާއި، ދިއްދޫ އިބުރާހީމް ކަލޭފާނާއި ކުޅުދުއްފުށީ ބޮޑު ރުއްދޮށުގޭ މޫސައާއި މާޅެންދޫ މުދިން މޫސާ ފަދަ ބޭފުޅުންގެ ނަން ތަކަކީ ފަނޑުވެގެންދާނެ ނަންތަކެއް ނޫނެވެ.

ކުޅުދުއްފުށީ ބޮޑު މުހައްމަދުގެ ކޮމާންޑަރުކަމުގައި ދިވެހިރާއްޖޭގެ އޭރުގެ ވެރިންގެ އަނިޔާވެރިކަމާއި ދެކޮޅަށް އަޑުއުފުލަން 552 ގަޑެތީގައި ބޮޑުތިލަދުންމަތިން ފުރައިގެން ރިޔަލުގައި މާލެ ވަޑައިގަތެވެ. އޭރުގެ ރައީސް މުހައްމަދު އަމީން ދީދީގެ ހިސާބުފޮތުގައި ވަނީ މާލެ ފަޅު ތެރެ ފުރާލި އުތުރުގެ އޮޑިފަހަރުތަކުގައި 9،452 މީހުން ތިބި ކަމުގައެވެ.

އެހެންކަމުން ބޮޑުތިލަދުންމަތީގެ ބިޔަ އާބާދީ އެކުގައި އެއްގަލަކަށް އަރުވައި ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނު ދެއްކެވި ލީޑަރޝިޕަކީ އާދަޔާ ޚިލާފު ނަމޫނާއެކެވެ. ތިލަދުންމަތީގެ މި ބިޔަ ލަޝްކަރު މާލެ ދިޔަ ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ހިންގާފައެއް ނުވެއެވެ. އެބޭފުޅުން ދެއްކެވީ ޑިމޮކްރަސީގެ އެންމެ ރިވެތި ނަމޫނާއެވެ. އޭގެ ބަދަލުގައި އެބޭފުޅުންނަށް ޚިޔާނާތްތެރިވެ ދުނިޔެ ނުދެކޭފަދަ އަނިޔާވެރި ހުތުރު އަދަބުތައް ލިބިވަޑައިގެންނެވި ނަަމަވެސް ރައްޔިތުންގެ ޙައްޤު ގައި ފަސްޖެހިވަޑައެއް ނުގަންނަވައެވެ.

މިއަދުގެ ޖީލު އެ ހާދިސާއެއްގެ މަތިން އަބަދުމެ ހަނދާން އާވެއާވެ ހުންނަ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާން ނާކާމިޔާބުކޮށްލި، މައި އައްޑަނަޔަކީ ވެސް ބޮޑުތިލަދުންމަތީގެ ހދ. ކުޅުދުއްފުށްޓަށް އުފަން ޒުވާން ދިވެހި ޤައުމީ ބަޠަލު ޝަހީދު ކޯޕްރަލް ޙުސައިން އާދަމެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުސް ހިތްމައްޗަށް ގެންނައިރު، ހުސައިން އާދަމް އެދުވަހު ވެވަޑައިގެން ޤުރުބާނީގެ ސަބަބުން ދުޝްމަނުންނަށް ރާއްޖޭގެ ސިފައިންގެ ހިފުމަށް ރާވާފައިވާ ރޭވުން ނާކާމިޔާބު ކޮށްލެއްވިއެވެ. އެދުވަހު ދުޝްމަނުން ރާވާފައިއޮތީ ސިފައިންގެ ހިފުމަށްފަހު، ޤައުމު އަތްދަށަށް ގެނައުމަށެވެ. ނަމަވެސް އަތުގައި އޮތް 60 ވަޒަން ހުސްވެ ޝަޙީދުވަންދެން ހުސައިން އާދަމް ދުޝްމަނުންނާއި ހަމަލާ ބަދަލު ކުރެއްވުމުގެ ނަތީޖާއަކަށްވީ، ދުޝްމަނުންގެ ރޭވުން ނާކާމިޔާބުވެ، ސިފައިންގެ ހިފުމުގެ ފުރުޞަތު ގެއްލިގެން ދިޔުމެވެ.

ޝަހީދު ހުސައިން އާދަމް

3 ނޮވެމްބަރ 1988 ދުވަހުރޭ ފަތިހު ބަނޑޭރިގޭގެ ބޭރު ދޮރާށީގައި ހުޅަނގު ފަޅީގެ ޑިއުޓީއަށް ހުންނަވައި، ޤައުމަށްޓަކައި އުމުރުން 20 އަހަރުގައި ޝަހީދު ޙުސައިން އާދަމް ވެވަޑައިގަތް ޤުރުބާނީއަކީ އަދުގެ ޖީލު ފިލާވަޅު ލިބިގަންނާން ޖެހޭ ޤުރުބާނީއެކެވެ.

މިއަދު ވެސް ތިލަދުންމަތީގައި އެފަދަ ހުނަރުވެރި ޖޯޝުހުރި އެތަކެއް ލީޑަރުންނެއް އެބަ ތިއްބެވިއެވެ. ނެތީ އޭރު އޮތް އިޚްލާޞްތެރި ކަމާއި ހިތްވަރާއި ކެރުމާއި ތެދުވެރިކަމެވެ. ރައްޔިތުންގެ ތެރެއިން ގެއްލިގެން ގޮސްފައި ވަނީ އެކުވެރި ކަމާއި އެއްބައިވަންތަކަމާއި އޯގާތެރިކަމެވެ. މުޅި ބޮޑު ތިލަދުންމަތި މިއަދު ގޮވަަނީ މިކަންކަން އަނބުރާ އިޢާދަކުރާނެ ޖޯޝުހުރި ލީޑަރަކަށެވެ.