މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު (ބައްޓޭ)ގެ ނަން އިލެކްޝަން ކޮމިޝަން (އީސީ) ގައި އޮންނަ އެމްޑީޕީގެ ދަފުތަރުން އުނިވިގޮތެއް ބަލައިދޭން އޭނާ އީސީގައި އެދިއްޖެއެވެ.
އެކަން ސާފުކޮށްދޭން ބައްޓޭ ވަނީ ސިޓީއަކުން އީސީ ގައި އެދިފައެވެ. މިއަދު އީސީއަށް ފޮނުވި އެ ސިޓީގައި ބައްޓޭ ވިދާޅުވެފައި ވަނީ އޭނާގެ ނަމަކީ އީސީގައި އޮންނަ އެމްޑީޕީގެ ދަފުތަރުގައި ޒަމާނުއްސުރެ އޮންނަ ނަމެއް ކަމަށެވެ. އެހެންނަމަވެސް މިހާރު އޭނާގެ ނަން އެ ދަފުތަރުގައި އޮންނަ ކަމަށް ނުދައްކާ ކަމަށް ބައްޓޭ ވަނީ ވިދާޅުވެފައެވެ.
އީސީގައި އޮންނަ އެމްޑީޕީގެ ދަފުތަރުން އޭނާގެ ނަން އުނިކުރަން މިހާތަނަށް އީސީއަށް ވެސް އަދި އެމްޑީޕީއަށް ވެސް ހުށަހަޅާފައި ނުވާނެ ކަމަށް އެ ސިޓީގައި ބައްޓޭ ވިދާޅުވެފައިވެއެވެ.
"މިކަން ހިނގާފައޮތް ގޮތެއް އަދި ކުރި ފަރާތެއް އަންގާ ދިނުމާއެކު މި މައްސަލަ ހައްލުކޮށް ދިނުމަށް އެދި ހުށަހެޅީމެވެ." ބައްޓޭގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ބައްޓޭގެ ނަން އީސީގައި އޮންނަ އެމްޑީޕީގެ ދަފުތަރުން ވީނުވީއެއް ނޭނގި އުނިވި މައްސަލާގައި އޭނާ އެކަން ހިނގިގޮތެއް ބަލައިދޭން އީސީގައި އެދިފައިވާއިރު، މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ ވެސް މިދުވަސްވަރު އަންނަނީ ވަރަށް ގިނައިން ފެންމަތި ވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!