އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިއެމްޔޫ)ގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާ ބާއްވައިފިއެވެ.
އައިއެމްޔޫގެ ދަސްވެނިވުން ކުރިއަށް ގެންގޮސްފައި ވަނީ ދެ ދަންފަޅިއަކަށެވެ. މިގޮތުން ފުރަތަމަ ދަންފަޅި ޝަރަފްވެރިކޮށްދެއްވީ ދި ވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ. ދެވަނަ ދަންފަޅި ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.
އައިއެމްޔޫއިން މިފަހަރު ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) ހާސިލްކޮށްގެން ދަސްވެނިވިފައިވަނީ އެންމެ ދަރިވަރެކެވެ. އެއީ އެ ޔުނިވާ ސިޓީގެ ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ އިން ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީ އިން ދަސްވެނިވެ ދަރަޖަ ޙާޞިލްކުރި ދަރިވަރު ޑރ. ނަޞްރުﷲ މުޞްޠަފާ އެވެ. އޭނާއަށް ސަނަދު ހަވާލުކޮށް ދެއްވީ ނައިބު ރައީސް ފައިޞަލް ނަސީމެވެ.
ފޮޓޯ: އިސްލާމިކް ޔުނިވާސިޓީ
ދެވަނަ ދަންފަޅި ޝަރަފްވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ތަޢުލީމު ހާޞިލުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މުޖްތަމަޢުގެ ތެރޭގައި ހަމަޖެހުން ޤާއިމުކޮށްދިނުމަށް އެ ލިބިފައިހުރި ޢިލްމެއްގެ ބޭނުންހިފައިގެން މުޖްތަމައުގެ އެހެންމީހުންނަށް ރަނގަޅު މަގުތައް ދައްކުވައިދިނުންކަމަށެވެ. ހަމައެހެންމެ އެމަނިކުފާނު ވަނީ މުޖުތަމަޢުގައި ހުރި ރަނގަޅުކުރަން ޖެހޭ އިޖްތިމާޢީ އެކިއެކި މައްސަލަތަކަށް އަލިއަޅުވާލައްވާފައެވެ.
ދީނީ ޢިލްމުވެރިޔާ ނަޞްރުﷲ މުޞްޠަފާ ޕީއެޗްޑީ ޙާޞިލް ކުރައްވައިފި
މީގެ އިތުރުން އެމަނިކުފާނު ވަނީ މީހުން ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަން ދެއްވާ އެއްދާއިރާކަން ފާހަގަކުރައްވައި މިހާރު މަތީ ތަޢުލީމު ހާޞިލުކުރުމަށް މުޅި ރާއްޖޭގައި މީގެ ކުރިން ނެތް މިންވަރަށް ފުރުޞަތުތައް ހުޅުވާލެވިފައި އޮތްކަން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ކޮންމެ ކަމެއްގައި ވެސް ޕޮޒިޓިވް ވިސްނުން ގެންގުޅުމަށާއި ލޯތްބާއި އިޙްތިރާމާއެކު މީހުންނާއި މުއާމަލާތްކުރުމަށް އިސްކަންދިނުމުގެ މައްޗަށް ވެސް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ.
އައިއެމްޔޫގެ ދަސްވެނިވުމުގެ ދެވަނަ ދަންފަޅީގައި، ކުއްލިއްޔާ އޮފް އެޑިއުކޭޝަން އިން ބެޗްލަރ އޮފް ޓީޗިންގް ޤުރްއާނާއި މާސްޓަރ އޮފް ޓީޗިންގ އެންޑް ލާރނިންގ އިން ދަސްވެނިވެ ދަރަޖަ ޙާޞިލުކުރި ދަރިވަރުންނަށް ވެސް ސަނަދު ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިޞަލް ނަސީމެވެ. އަދި އެމަނިކުފާނު ވަނީ ކޯސްތަކުން އެންމެމަތީ ވަނަތައް ޙާޞިލުކުރި ދަސްވެނީންނަށް އިނާމާއި އެވޯޑް ހަވާލުކޮށްދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!