މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމަށް އިންތިޚާބުވެވަޑައިގެންފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފަޔާ)ގެ ތަޖުރިބާއިން 2023 ކާމިޔާބުކުރުމަށް ޕާޓީއާއިއެކު ރަނގަޅު މިސްރާބަކަށް ދެވޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ވާދަވެރި އިންތިޚާބަކަށްފަހު އެމްޑީޕީގެ ޗެއާޕާސަން މަގާމު ކާމިޔާބު ކުރެއްވި ފަޔާ އާއި، ރައީސް އޮފީހުގައި ޗެއާޕާސަންގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް ރައީސް މިއަދު ވަނީ ބައްދަލުކުރައްވައިފަ އެވެ.
މި ބައްދަލުވުމަށްފަހު ރައީސް ޞާލިޙް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ފައްޔާޒުގެ ހިންގުމުގެ ތަޖުރިބާއާއެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ރަނގަޅު މިސްރާބަކަށް ދަތުރު ކުރާނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަމަށެވެ.
"މަރްޙަބާ ފަޔާ! ފަޔާގެ ހިންގުމުގެ ތަޖުރިބާއާ އެކު ޕާޓީއާއެކު ކުރިއަށްގޮސް، 2023 ކާމިޔާބުކުރުމަށް ރަނގަޅު މިސްރާބަށް ދަތުރުކުރާނެ ކަމުގެ ޔަޤީންކަން އެބައޮތް. ކުރިއަށް ކުރިއަށް، ބާރަށްކުރިއަށް." ރައީސް ވިދާޅުވެފައިވެއެވެ.
މަރްޙަބާ @faya_i . ފަޔާގެ ހިންގުމުގެ ތަޖުރިބާއާ އެކު ޕާޓީއާއެކު ކުރިއަށްގޮސް، 2023 ކާމިޔާބުކުރުމަށް ރަނގަޅު މިސްރާބަށް ދަތުރުކުރާނެ ކަމުގެ ޔަޤީންކަން އެބައޮތް . ކުރިއަށް ކުރިއަށް، ބާރަށްކުރިއަށް.@MDPSecretariat pic.twitter.com/YxzLXZLd4s
— Ibrahim Mohamed Solih (@ibusolih) May 19, 2022
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވީ ރައީސްގެ ފުރިހަމަ ތާއީދާ އެކުގައި، ރައީސް އަށް 2023 ހޯއްދަވައި ދެއްވުމުގެ އަޒުމްގައި ކަމަށް ފަޔާ ވަނީ ކެމްޕޭންގައި ވިދާޅުވެފައެވެ.
މިމަހުގެ 14 ވަނަ ދުވަހު ކުރިއަށް ދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ މި މަހުގެ 17 ވަނަ ދުވަހު ޢިއުލާން ކޮށްފައިވާއިރު، އެ އިންތިޚާބުގައި ފަޔާ ޗެއާޕާސަންކަން ކާމިޔާބު ކުރެއްވީ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި ވާދަ ކުރައްވައެވެ.
އެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ފަޔާ އަށް 27،163 ވޯޓު ލިބިވަޑައިގަތެވެ. އަދި ފަޔާ އާއި ވާދަކުރެއްވި، އިންތި އަށް 19،980 ވޯޓު ލިބިވަޑައިގަތެވެ.
ޗެއާޕާސަން މަގާމަށް ވޯޓުލާފައި ވަނީ ވޯޓު ލުމުގެ ހައްގު ލިބޭ 94،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 48،107 މީހުންނެވެ. އެއީ ސައްހަ 47،143 ވޯޓާއި އަދި ބާތިލު 964 ވޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!