އިންޑިއާގެ މުސްލިމުންގެ ހައްގުގައި އަޑު އުފުލުމުގެ ޙަރަކާތަކަށް ނުކުތުމަށް ތައްޔާރުވަމުންދާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ޢިއުލާންކޮށްފިއެވެ.

އެކަން ޢިއުލާންކޮށްފައި ވަނީ، އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

އެ ޓްވީޓްގައި އަދުރޭ ވިދާޅެފައި ވަނީ، އަވަށްޓެރި އިންޑިޔާގެ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންގެ ޙައްގުގައި އަޑު އުފުލުމުގެ ޙަރަކާތަކަށް ނުކުންނަން ތައްޔާރުވަމުން ގެންދަވާ ކަމަށެވެ.

އިންޑިއާގެ މުސްލިމުންގެ ހައްގުގައި އަޑު އުފުލުމުގެ ޙަރަކާތަކަށް ނުކުތުމަށް ތައްޔާރުވަމުންދާ ކަމަށް އިދިކޮޅުން ބުނެފައިވާއިރު، އިދިކޮޅު ކޯލިޝަނުން ދަނީ އެ ކޯލިޝަން އިސްވެއޮވެ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި "އިންޑިއާ މިލިޓަރީ އައުޓް"ގެ ނަމުގައި ވެސް ފުޅާ ކެމްޕޭނެއް ހިންގަމުންނެވެ.

އެ ހަރަކާތަކީ، ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވުމުން، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ މައްޗަށް އަންގަވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މިދިޔަ އޭޕްރިލްމަހުގެ 21 ވަނަ ދުވަހު ގަރާރެއް ނެރުއްވާފައެވެ.

ރައީސްގެ މި ޤަރާރާއި ގުޅިގެން އިދިކޮޅުން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ކިޔައި، އެ ޤަރާރު ބާޠިލުކުރަން ކޯޓަށް ދާނެ ކަމަށް ވެސް ބުނެފައެވެ. އަދިކޮޅުގެ އިތުރުން ރާއްޖޭގެ ބައެއް ޤާނޫނީ ފަންނުގެ ބޭފުޅުން ވެސް އެ ޤަރާރާއިގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.