ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ އާއިލާ އަށް ތައުޒިޔާ ދެންނެވުމަށާއި އާއިލާގެ ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު އެ ޤައުމަށް ފުރާވަޑައިގެންފިއެވެ.
ޔޫއޭއީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރ އައްޝައިޚު އަލް މަރްހޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވީ ހުކުރު ދުވަހުއެވެ. އަވަހާރަވިއިރު ޢުމުރު ފުޅަކީ 73 އަހަރެވެ.
ރައީސް ޞާލިޙް ރަސްމީ ދަތުރުފުޅެއްގައި މިއަދު ޔޫއޭއީއަށް ފުރާވަޑައިގެންފައިވާއިރު، ރައީސް އޮފީހުން ވިދާޅުވިގޮތުގައި އެމަނިކުފާނުގެ މި ދަތުރުފުޅަކީ ޔޫ.އޭ.އީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ސުޕްރީމް ކޮމާންޑަރ އައްޝައިޚު އަލް މަރްޙޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމާއި ގުޅިގެން އެ މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުމަށާއި، އެ ޢާއިލާގެ ހިތާމައިގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ރައީސްގެ މިދަތުރުފުޅަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.
ޝެއިޚް ޚަލީފާ ގެންދެވީ 2004 އިން ފެށިގެން ޔޫއޭއީގެ ރައީސް ގެ މަގާމު އަދާ ކުރައްވަމުންނެވެ. ނަމަވެސް 2014 ވަނަ އަހަރު ޖެހުނު ސްޓްރޯކަކާ ގުޅިގެން އޭނާ އަދާކުރެއްވީ ރައީސްގެ ރަމްޒީ ރޯލެކެވެ.
ގައުމުގެ ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެއްބަފާކޮއްކޯފުޅު މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އެވެ. އަދި ސެއިޚް ޚަލީފާ އަވަހާރަވުމާ ގުޅިގެން އިއްޔެ ވަނީ ކޮއްކޯފުޅު މުހައްމަދު ބިން ޒައިދު ރައީސްކަމުގެ މަގާމަށް އިންތިހާބުކޮށްފައި އެވެ.
ސެއިޚް ޚަލީފާ އަވަހާރަވުމާއި ގުޅިގެން ހިތާމަފާޅުކުރުމުގެ ގޮތުން ހުކުރު ދުވަހުން ފެށިގެން 40 ދުވަސްވަންދެން ބައިދަނޑިއަށް އެ ގައުމުގެ ދިދަ ތިރިކޮށް، ތިން ދުވަހަށް ވަނީ ސަރުކާރު ބަންދުކޮށްފައެވެ.
ޔޫއޭއީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ރާއްޖޭގެ ޤައުމީ ދިދަ އިއްޔެއިން ފެށިގެން 3 ދުވަސް ވަންދެން ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!