އިނގިރޭސި ލީގުގައި އާދީއްތަ ދުވަހު ކުޅުނު މެޗެން މޮޅުވެ ލީގް ތާވަލްގެ ހަތަރު ވަނައަށް ޓޮޓެންހަމް ޖެހިލައިފިއެވެ.
ޓޮޓެންހަމް ދަނޑުގައި ކުޅުނު މެޗުން ބާންލޭ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއިންނެވެ.

މެޗުގައި ޖެހި ހަމަ އެކަނި ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތު ގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބް ކޮށްދިނީ ހެރީ ކޭން އެވެ.

Ad
rt

މި މޮޅާއެކު ޓޮޓެންހަމް ތާވަލްގެ ހަތަރު ވަނައިގައި އޮތީ 37 މެޗުން ލިބުނު 68 ޕޮއިންޓާއެކުގައެވެ. ޓޮޓެންހަމް ހަތަރު ވަނައިގައި އޮތީ ފަސްވަނައިގައި އޮތް އާސެނަލް އަށް ވުރެ އެއްމެޗް އިތުރަށް ކުޅެގެންނެވެ.

މެޗުން ބަލިވި ބާންލޭ އޮތީ 36 މެޗުން 34 ޕޮއިންޓާ އެކު ތާވަލްގެ 18 ވަނައިގައެވެ.

ލީގުގައި ކުޅުނު އެހެން މެޗްތަކަށް ބަލާއިރު ސިޓީ ކުޅުނު މެޗް އެއްވަރު ވުމުން ތާވަލް ގެ އެއްވަނައިގައި 6 ޕޮއިންޓުގެ ލީޑެއް ނަގަން ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. ސިޓީ އަދި ވެސްޓްހަމް ބައްދަލު ކުރި މެޗް އެއްވަރުވީ 2-2 ގެ ނަތީޖާއިންނެވެ. މެޗްގެ ފުރަތަަމަ ދެގޯލްވެސް ޖަހާފައިވަނީ ވެސްޓް ހަމް އިންނެވެ. މެޗްގެ 24 އަދި 45 ވަނަ މިނެޓްގައި ދެގޯލްވެސް ކާމިޔާބް ކޮށްދިނީ ޖެރޮޑް ބޮވެން އެވެ.

ސިޓީގެ ފުރަތަމަ ގޯލް ޖެކް ގްރީލިޝް ކާމިޔާބް ކޮށްދިނީ މެޗުގެ 49 ވަނަ މިނެޓްގައެވެ. ސިޓީގެ ދެވަނަ ގޯލަކީ ވެލަޑިމީ ކޫފުލް އަތުން ބައިކޮޅަށް ވައިން ގޯލެކެވެ. މެޗް ގެ ލީޑް ނަގަން ސިޓީއަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފައެވެ. 86 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ މަހަރޭޒް ފޮނުވާލުމުން ވެސްޓްހަމް ކީޕަރ ފަބިއަންސްކީ ވަނީ މަތަކޮށްފައެވެ.

90 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި ސިޓީ އޮތްއިރު ވެސްޓްހަމް ތާވަލްގެ 7 ވަނައިގައި އޮތީ 56 ޕޮއިންޓާއެކުގައެވެ.
ކްރިސްޓަލް ޕެލަސް އަދި އެސްޓަންވިލާ މެޗް ނިމުނީ 1-1ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. 45 ޕޮއިންޓާއެކު ކްރިސްޓަލް ޕެލަސް ތާވަލްގެ 12 ވަނައިގައި އޮތްއިރު އެސްޓަންވިލާ 44 ޕޮއިންޓާއެކު އޮތީ ތާވަލްގެ 13 ވަނައިގައެވެ.
ލީޑްސް ޔުނައިޓެޑް އަދި ބްރައިޓަން މެޗް އެއްވަރުވީ 1-1 ގެނަތީޖާއިންނެވެ. 48 ޕޮއިންޓާއެކު ބްރައިޓަން އޮތީ 10 ވަނައިގައެވެ. 35 ޕޮއިންޓް ހޯދައިގެން ލީޑްސް އޮތީ ތާވަލްގެ 17 ވަނައިގައެވެ.

ނޯވިޗް ސިޓީ އަދި ވޫލްސް މެޗް ނިމުނީވެސް 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. ވޫލްސް 51 ޕޮއިންޓާއެކު އޮތީ ތާވަލްގެ 8 ވަނައިގައެވެ. ނޯވިޗް އޮތީ ތާވަލްގެ އެއްމެ ފުލުގައެވެ. ލިބިފައިވަނީ 22 ޕޮއިންޓްއެވެ.
ވޮޓްފޯޑް ގެ މައްޗަށް 5-1 ގެ ނަތީޖާއިން ލެސްޓާސިޓީ ވަނީ ކުރި ހޯދާފައެވެ.

ލެސްޓާ އޮތީ 48 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައިގައެވެ. ވޮޓްފޯޑް 19 ވަނައިގައި އޮތީ 23 ޕޮއިންޓާއެކުގައެވެ.
ބްރެންޓްފޯޑް ވަނީ 3-2 ގެ ނަތީޖާއިން އެވަޓަން މައްޗަށް ކުރި ހޯދާފައެވެ.

46 ޕޮއިންޓާއެކު ބްރެންޓްފޯޑް އޮތީ ތާވަލްގެ 11 ވަނައިގައެވެ. 36 ޕޮއިންޓް ހޯދައިގެން އެވަޓަން އޮތީ ތާވަލްގެ 16 ވަނައިގައެވެ.