މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކޮށް، ކުޅުދުއްފުށި ސިޓީން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

Ad
rt

ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ، މި އޮޕަރޭޝަންއަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ކުޅުދުއްފުށީ ސިޓީ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށި ގެއެއް ބަލައިފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށާއި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ދިވެހި އަންހެނެއްކަމަށް ފުލުހުން ބުނެއެވެ.

އެ ދެމީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 09 ވަނަ ދުވަހު އެވެ.

އެ އޮޕަރޭޝަނުގައި، އެ ދެ މީހުން ދިރިއުޅޭ ގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ކޮޅާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށީ ސިޓީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 35 އަހަރުގެ މީހާއަށް 15 ދުވަހުގެ މުއްދަތު އަދި 38 އަހަރުގެ މީހާއަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ކުޅުދުއްފުށީ ސިޓީ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.