ހދ.ހަނިމާދޫ ޔޫތްސެންޓަރުގެ ގޯތިތެރޭގައި ވޮލީ ކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ހަނިމާދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ.
ހަނިމާދޫ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނުގައި ވަނީ މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 17 މެއި 2022 ވަނަ ދުވަހުގެ 11:30 އަށް އެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދިނުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ.
މި މަސައްކަތް ކޮށްދިނުމަށް އެދި އަންދާސީ ހިސާބު ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން 29 މެއި 2022 ވަނަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން އެ ކައުންސިލްގެ ކޮންފަރެސް ރޫމަށް ވަޑައިގަތުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
ހަނިމާދޫ ޔޫތު ސެންޓަރު ސަރަހައްދުގައި ދާދި ފަހުން ހަނިމާދޫ ކައުންސިލުން ވަނީ އައުޓްޑޯ ޖިމެއް ވެސް ތަރައްޤީ ކޮށްފައެވެ. މީގެ އިތުރުން ހަނިމާދޫ ޔޫތުސެންޓަރު ބެލުމުގެ ދަށުގައި މިހާރުވެސް މަލްޓިޕާޕަސް ޓާފް ދަނޑެއް އެ ސަރަހައްދުގައި އޮވެއެވެ. ފުޓްސަލްއާއި ވޮލީ ފަދަ ކުޅިވަރުތައް ކުޅުމަށް މިހާރު ވެސް އެ ޓާފް އަންނަނީ ބޭނުން ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!