ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 1.363 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި އެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ބުނީ، މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައިކަމަށެވެ.
މިތަކެތި އަތުލައިގަނެފައިވަނީ އެޕްރީލް 28 ވަނަ ދުވަހު ވައިގެ މަގުން އެތެރެކޮށްފައިވާ ޕާރްސަލެއް ބަލާ ފާސްކުރުމުގެ ތެރޭގައެވެ.
ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަޙުލީލުކުރި އިރު، މި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެޗްއެމްފަޓަމައިން (Methamphetamine - 1,363 grams) އަށް ވަނީ ޕޮޒިޓިވް ވެފައިވާކަމަށް ކަސްޓަމްސް އިން ބުނެއެވެ.
މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1.363 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ
އަގު 500,000.00 (ފަސްލައްކަ) ރުފިޔާއަށް އަރާކަމަށް ބުނެފައިވެއެވެ.
މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޙަވާލުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!