ހއ. ދިއްދޫ ކައުންސިލުން މާދަމާއިން ފެށިގެން އައިޑީކާޑު ހެދުމުގެ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ހއ. އަތޮޅު ކައުންސިލުން ވިދާޅުވި ގޮތުގައި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ގެންގުޅުއްވާ އުސޫލުގެ ތެރެއިން ދިއްދޫ ރައްޔިތުންނަށް ބޭނުންވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ މަސައްކަތް ވަނީ މާދަމާއިން ފެށިގެން ދިއްދޫ ކައުންސިލަށް ބަދަލުކޮށް، އެކައުންސިލުން ދޭ ޚިދުމަތެއްގެ ގޮތުގައި ހަމަޖައްސާފައެވެ.

Ad
rt

މިގޮތަށް ހަމަޖެހުމުން މާދަމާއިން ފެށިގެން ދިއްދޫ ރައްޔިތުންނަށް ކާޑު ހަދައިދޭނީ ދިއްދޫ ކައުންސިލުން ކަމަށް ހއ. އަތޮޅު ކައުންސިލުން ވިދާޅުވެފައެވެ.

ދިއްދޫ ކައުންސިލަށް މި ޚިދުމަތް ބަދަލުކުރުމުގެ މަސައްކަތް ފެށިފައިވަނީ އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރަށް ފެށުނު ހިސާބުން ކަމަށް ހއ. އަތޮޅު ކައުންސިލުން މައުލޫމާތު ދެއްވައެވެ.

އައި.ޑީ ކާޑު ހެދުމުގެ މަސައްކަތް އަތޮޅުތަކަށް ބަދަލުކުރެވުނީއްސުރެ މެދުނުކެނޑި މި ޚިދުމަތް މުޅިއަތޮޅަށް ދެމުން ގެންދިޔައީ ހއ. (ތިލަދުންމަތީ އުތުރުބުރީ) އަތޮޅު އޮފީހުންނާއި އަދި މިހާރު ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުންނެވެ.

ދިއްދޫ ކައުންސިލުން މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުން ހއ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުން ކުރެ އެއް ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެ ރަށެއްގެ ރަށު ކައުންސިލުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ ޚިދުމަތް ލިބިގެން ދިޔައީއެވެ.

ހއ. އަތޮޅު ކައުންސިލުން ފާހަގަކުރައްވާ ގޮތުގައި، މި ޚިދުމަތް ދިއްދޫ ކައުންސިލަށް ބަދަލުވެގެން ދިއުމަކީ ދިއްދޫ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށްބޮޑު ފަސޭހަކަމެކެވެ.